އިސްރާއީލުގެ ސިފައިން ދެއިރު އެލް-ބަލާހުގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށް ފުރަތަމަ ފަހަރަށް ވަދެ، ހިންގި ހަމަލާތަކުގައި 60 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެއެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 11 މީހުން ހިމެނެއެވެ.
ހަމާސްއިން ބުނެފައިވަނީ "މި އަނިޔާވެރި ހަނގުރާމައާއި ބަނޑަހައިހޫނުކަން ހުއްޓުވުމަށް" މެދުވެރިންނާއެކު ދުވާލާއި ރޭގަނޑު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އދ. ގެ އަންރާ (ޔޫއެންއާރްޑަބްލިއުއޭ) ގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެފައިވަނީ ޣައްޒާގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ސިއްހީ މަސައްކަތްތެރިން "ބަނޑަހައިހޫނުކަމާއި ވަރުބަލިކަމުން ހޭނެތެމުންދާ" ކަމަށެވެ.
25 ގައުމެއްގެ ފޮރިން މިނިސްޓަރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރު ވަނީ މި ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންގެ ހާލަތު "އައު ދަށު ފަށަލައަކަށް ވެއްޓިފައިވާ" ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 59,029 މީހުން ޝަހީދުވެ، 142,135 މީހުންނަށް ޒަހަމްވެފައިވެއެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުއިން މި ހަނގުރާމަ ހުއްޓުވުމަށް ގޮވާލަމުން ދިޔަ ނަމަވެސް، އިސްރާއީލުން ދަނީ އެ ގައުމުގެ ހަމަލާތައް ހަރުކަށި ކުރަމުންނެވެ.