ފަލަސްތީނުގެ ކުޑަ ކުދިން ކާބޯތަކެއްޗަށް އިންތިޒާރުގައި ތިބި މަންޒަރު -- ފޮޓޯ: އަލްޖަޒީރާ

ޣައްޒާގައި ދުވާލަކަށް އެވްރެޖްކޮށް 28 ކުޑަކުދިން އިސްރާއީލުން މަރާލަމުންދޭ

މުހައްމަދު ހަމީޒް
 
16 ދުވަސް ކުރިން

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، ދުވާލަކަށް އެވްރެޖްކޮށް 28 ކުޑަކުދިން މަރުވަމުންދާކަމަށް އދ. އިން ހާމަކޮށްފިއެވެ.

ޔުނިސެފުން ބުނީ "ބޮމުގެ ހަމަލާތަކުގެ ސަބަބުން މަރުވުމާއި، ބަނޑުހައިހޫނުކަމާއި ކާބޯތަކެތި ނުލިބުމުގެ ސަބަބުން މަރުވުމާއި، އެހީ އާއި އަސާސީ ޚިދުމަތްތައް ނުލިބުމުގެ ސަބަބުން މަރުވުން މިހާރު ޣައްޒާގައި އާންމުވެފައިވާ ކަމަށެވެ. ޣައްޒާގައި ދުވާލަކަށް އެވްރެޖްކޮށް 28 ކުޑަކުދިން މަރުވަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 18،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވެއެވެ. މި މުއްދަތުގައި ޖުމްލަ 60،933 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 150،027 މީހުން ޒަޚަމްވެފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެއް ކުޑަކުއްޖަކާއެކު އަށް ފަލަސްތީނުން ބަނޑުހައިހޫނުކަމުގައި މަރުވެފައިވެއެވެ. އިސްރާއީލުން އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، އެހީ ހޯދަން އުޅޭ މީހުން މަރާލަމުންދާއިރު، މިހާތަނަށް 94 ކުޑަކުދިންނާއެކު ޖުމްލަ 188 މީހުން ބަނޑުހައިހޫނުކަމުގައި މަރުވެފައިވެއެވެ.