ފަލަސްތީނު ރައްޔިތުންގެ ހައްގުގައި "ގައުމީ ބޮޑު އެއްވުން" މާދަމާ މާލޭ ސަރަހައްދުގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
މި އެއްވުން އިންތިޒާމުކުރާ، ގައުމީ ބޮޑު އެއްވުމުގެ ހިންގާ ކޮމިޓީން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ފަލަސްތީނުގައި އެތައް ބަޔަކު ނިކަމެތިވެ ބަނޑުހައިހޫނުކަމުގައި ދުނިޔެ ދޫކުރާއިރު، ގިނަ ގައުމުތަކުން އެކަމާ ދެކޮޅަށް ނުކުންނަ ކަމަށެވެ.
ރާއްޖެއަކީ މުސްލިމް ގައުމަކަށްވެފައި މިފަދަ ކަމެއްގައި ތެދުވުން އައުލާކަން ބޮޑުކަމަށް އެ ކޮމިޓީން ބުންޏެވެ.
މި ބޮޑު އެއްވުން ބާއްވަނީ މާފަންނު ސްޓޭޑިއަމްގައި 4:30ގައެވެ. ނަމަވެސް، ހަތަރެއް ޖަހާއިރު އެ ސަރަހައްދަށް އެއްވުމުގައި ބައިވެރިވާ މީހުން އައުމަށް ކޮމިޓީން ވަނީ އިލްތިމާސް ކޮށްފައެވެ. ކޮމިޓީން ވަނީ މި އެއްވުމުގައި އަމަލުކުރަންވީ ގޮތް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފައެވެ. އެގޮތުން ފާހަގަކުރި ކަންކަމަކީ:
- ރާއްޖޭގައި ތިބޭ ޑިމްލޮމެޓުންނަށް އުނދަގޫވާނެހެން ކަންކަން ނުކުރުން އަދި އެމީހުންނަށް އަނިޔާވާނެފަދަ ކަމެއް ނުކުރުން
- ރާއްޖޭގެ ގާނޫނާ ޚިލާފު އެއްވެސް ކަމެއް މި އެއްވުމުގައި ނުކުރުން
- ވިލިމާލެ އަދި މާފަންނުން މި އެއްވުމުގައި ބައިވެރިވާ މީހުން ހިނގާފައި ސްޓޭޑިއަމަށް ދިއުން. ބޭނުމަކީ ދުރުން އަންނަ މީހުންނަށް ވެހިކަލް ޕާކުކުރަން ދަތިނުވެ ޖާގަ ލިބޭނެގޮތް ހަމަޖެއްސުން
- އެމްބިއުލާންސް ފަދަ އުޅަނދުތަކަށް ދަތި ނުވާނެގޮތަށް ސައިކަލު ޕާކުކުރުން
- އެއްވުމުގައި އަންހެނުންނާއި ފިރިހެނުން ތިބޭނީ ވަކިން. އެއްވުމުގެ އިންތިޒާމުތަކަށް ހުރުމަތްތެރިކޮށް ހިތުން
- ޓާފަކީ ރަބަރު ޓާފެއްކަމުން އަލިފާން ފަދަ ތަކެތި ނުގެންގުޅުން
- ކުނި ނޭޅުން
މި ހަރަކާތުގައި ބޭނުންކުރާނެ ސާމާނު ކޮމިޓީން ފޯރުކޮށްދޭނެއެވެ.