ގާޒާގައި ވަކި ވެރިކަމެއް ކުރަން އިޒްރޭލުން ނިންމުން، ރައީސް ކުށްވެރިކުރައްވައިފި

ނާއިފް ހަލީމް
 
14 ދުވަސް ކުރިން

ޣައްޒާ އެއްކޮށް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް ވަކި ވެރިކަމެއް ކުރަން އިޒްރޭލުގެ ކެބިނެޓުން ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކަން ކުށްވެރިކުރައްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް އިޒްރޭލުގެ އިދާރާތަކުން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އެއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން އެކަމުގެ ސަބަބުން އެއްކޮށް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިޒްރޭލުގެ އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހި އަދި އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ވެސް އިތުރަށް ގެއްލޭނެ ކަމަށް ރައީސް .ވިދާޅުވިއެވެ.

ޣައްޒާ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުން ރާއްޖެއިން ބަލައިނުގަންނާނެ ކަމަށާއި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ކަމަށް ރައީސް .ޔަގީންކަން ދެއްވިއެވެ.

ރައީސް ވަނީ އިޒުރޭލުގެ މި އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް، އެކަން ވަގުތުން ވަގުތަށް ހުއްޓުވައިދޭން ބައިނަލްއަގުވާމީ ޖަމާއަތްތަކަށާއި މުޖުތަމައުއަށް ގޮވާލައްވައިފަ އެވެ. އަދި އިޒުރޭލުގެ މި ލާއިންސާނީ އަމަލުތަކަށް އެމީހުން ޖަވާބުދާރީކުރުވުމަށް ވެސް ރައީސް ވަނީ .ގޮވާލައްވައިފައެވެ