ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - - ފޮޓޯ: ރައީސް އޮފީސް

އެސްއީޒެޑްގެ ގޮތުގައި ޓައުންޝިޕް ތަރައްގީކުރެވޭ އިސްލާހު ތަސްދީގުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
7 ގަޑިއިރު ކުރިން

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. 

މި އިސްލާހުގެ ސަބަބުން، އެސްއީޒެޑްގެ ތެރޭގައި މީހުން ދިރިއުޅުމަށް ހާއްސަކުރެވިފައިވާ ޓައުންޝިޕްތައް ގާއިމުކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. 

މި ބިލަކީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 46 މެންބަރުންގެ އަޣުލަބިއްޔަތަކުން ބިލު ފާސްވިއިރު، އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވިއެވެ. ބިލަށް މާ ބޮޑު ބަދަލެއް ނުގެނެސް، ހުށަހެޅުނު ގޮތަށް ގާތްގަނޑަކަށް ފާސްކުރެވުނެވެ.

އެސްއީޒެޑްގެ ގާނޫނަށް މި ބިލުން ގެނެވުނު އެންމެ މުހިންމު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގެ ބާވަތްތަކަށް ގެނެވުނު ބަދަލެވެ. ގާނޫނުގެ 20 ވަނަ މާއްދާގައި ކުރިން ބަޔާންކޮށްފައިވާ ގޮތުން، އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ހިމެނޭނީ ހަމައެކަނި ސިނާއީ ސަރަހައްދުތަކާއި، އެހެނިހެން 8 ބާވަތުގެ މަސައްކަތްތައް ހިންގާ ތަންތަނެވެ. 

ނަމަވެސް، ރައީސް މިއަދު ތަސްދީގުކުރެއްވި އިސްލާހުގައި ވަނީ 20 ވަނަ މާއްދާއަށް އިތުރު ބަޔާނެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި އާ ކެޓަގަރީއެއް ހިމެނުމަށެވެ. މި ބިލުގައިވާ ގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމުކުރާ ސަރަހައްދުތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރުން ރިއަލް އެސްޓޭޓްގެ ވިޔަފާރިތައް ވެސް ހިންގޭނެއެވެ. އަދި މިފަދަ ހިދުމަތްތައް ހިމެނޭ ސަރަހައްދުތައް ހިންގާނީ އެއް މެނޭޖްމަންޓެއްގެ ދަށުން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.