176 ރަށެއްގައި 1591 ގައދީން އެބަތިބި : ހަސަން ޒަރީރު

އާއިޝަތު އަނާ ރަޝީދު
 
9 ގަޑިއިރު ކުރިން

ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު މިއަދު ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ޖަލުތަކުގައި މިހާރު 176 ރަށަކުން ޖުމްލަ 1،591 ގައިދީން ބަންދުކުރެވިފައި އެބަ ތިއްބެވެ.

ހުޅުމާލޭ ޖަލުގެ ސަރަހައްދުގައި މިއަދު ބޭއްވި ކަރެކްޝަނަލް ސާވިސްގެ ހެޑްކުއާޓާސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، ކަރެކްޝަންސް އިން މިހާރު ރާއްޖޭގެ ތިން ޖަލުގެ އިތުރުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ ސަލާމަތީ ކަންކަން ވެސް ބަލަހައްޓަމުންދާ ކަމަށެވެ. އަދި މި ތިން ޖަލާއި ރާއްޖޭގެ އެކި މަރުކަޒުތަކުގައި ޖުމްލަ 1،718 ގައިދީން ބަންދުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، އޭނާ މަގާމާ ހަވާލުވިއިރު ކަރެކްޝަންސްގެ ހާލަތު ހުރީ ވަރަށް ބަލިކަށި ދަރަޖައެއްގައި ކަމަށެވެ. ނަމަވެސް، މި އިދާރާ އުފެދުނުތާ 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ފުރަތަމަ ފަހަރަށް ކަރެކްޝަންސްގެ އަމިއްލަ އިމާރާތެއްގައި އިދާރީ މަސައްކަތް ފެށުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޒަރީރު ވިދާޅުވި ގޮތުގައި، ފާއިތުވި 20 ވަރަކަށް އަހަރުގެ ތެރޭގައި މި މުއައްސަސާ ވަނީ އެކި ދުވަސްވަރު އެކި ތަންތަނުގައި މަސައްކަތްކޮށްފައި (ޖުމްލަ ހަ އިމާރާތެއްގައި). އަދި ކަރެކްޝަންސްގެ އޮފިސަރުންނަކީ އެންމެ ނުރައްކާތެރި ކުށްވެރިންނާއި އާދައިގެ ކުށްވެރިންނާ ދެމެދުގެ ހުރިހާ ބާވަތެއްގެ ގައިދީން ބަލަހައްޓަމުން، ގައުމީ ފެންވަރުގައި ވަރަށް މުހިންމު މަސައްކަތެއް ކުރަމުން ގެންދާ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.