މި އަހަރު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ރަސްމީ ބައްދަލުވުމުގައި ޖުމްލަ 130 ބޭފުޅަކަށް އިނާމު އަރުވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ
މާދަމާ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ފެށުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި، 97 ބޭފުޅަކަށް ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު އަދި މަތީ ދަރަޖަ ހޯދާފައިވާ 33 ފަރާތަކަށް ހާއްސަ އިނާމު ވެސް ދެއްވާނެ ކަމަށް އެ އޮފީހުން ބަޔާންކުރެއްވި އެވެ. ޖުމްލަ 130 މީހުންނަށް މި އިނާމުތައް ލިބިގެންދާނެ އެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ 97 ބޭފުޅުންނަކީ 35 އަހަރާއި 39 އަހަރާ ދެމެދުގެ ދިގު މުއްދަތެއްގައި ރާއްޖޭގެ ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތައް ކަމަށެވެ.
އިނާމަށް އެކި ފަރާތްތައް ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ގައުމީ އިނާމާ ބެހޭ ކޮމިޓީން ކަމަށާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަރުވާ ހާއްސަ އިނާމު ލިބޭ ބޭފުޅުން ކަނޑައެޅުމުގެ ކަންކަން ހާއްސަ އިނާމާ ބެހޭ ކޮމިޓީން ކުރިއަށް ގެންދެވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވި އެވެ.
ޔާދުރީ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި 94 ފަރާތަކަށް އިނާމު ދިނުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.