ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
މި އެއާޕޯޓަކީ މިހާރު ރާއްޖޭގެ އުތުރުގައި އޮތް އެންމެ ބޮޑު އެއާޕޯޓެވެ. އެންމެ ޒަމާނީ ހިދުމަތްތަކާ އެކު، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އާ ޓާމިނަލް ހުޅުވުމުން މި އެއާޕޯޓު ވަނީ އުތުރުގެ ލޭންޑްމާކަކަށް ބަދަލުވެފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތު ބޭއްވީ އެ އެއާޕޯޓްގެ ކުރިމަތީގައި ކުލަގަދަ ކޮށް މިރޭގަ އެވެ. ރައީސްގެ ދެކަނބަލުން ހަނިމާދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި ދެ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮކްޓޯބަރު 1986 ވަނަ އަހަރު ހުޅުވުނު މި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ ފެބްރުއަރީ 2012 ގަ އެވެ. އަދި ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2022 ގަ އެވެ. އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެއް މިރޭ ވަނީ ޖައްސައިފަ އެވެ. އަދި މިރޭ ވަނީ އެ ރަށުގައި ހަވާ ވެސް އަރުވައިފަ އެވެ.
އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މި މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ ހަދައިފަ އެވެ. އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ މި ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ. މީގެ އިތުރުން، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.