އިމިގްރޭޝަންގެ ޚިދުމަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން- - ފޮޓޯ: ރައީސް އޮފީސް

“މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށްފި

އާއިޝަތު އަނާ ރަޝީދު
 
9 ގަޑިއިރު ކުރިން

ޕާސްޕޯޓް ހެއްދުމަށާއި ވިސާ ހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް ގެނެސް، ސަރުކާރުގެ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމުގެ ބޮޑު މަޝްރޫޢު، "މޯލްޑިވްސް 2.0" ގެ ދަށުން ތަރައްޤީކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. 

މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިއަދު ހެނދުނު ބަރސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ. އިފްތިތާޙުކުރެވުނު ޚިދުމަތްތަކުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން، ފޭޝަލް ރެކޮގްނިޝަން އެޕްލިކޭޝަން ހިމެނެއެވެ. މީގެ އިތުރުން، އެންމެ މުހިންމު އެއް ޚިދުމަތްކަމަށްވާ ''އީ-ވިޒާ" ގެ ޚިދުމަތް ވެސް ވަނީ ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވާފައެވެ. މި ޑިޖިޓަލް ބަދަލުތަކާއެކު، އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތް މިހާރު ވަނީ އޮންލައިންކޮށް ހަމަޖެހިފައެވެ.

މޯލްޑިވްސް 2.0 މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. މިއީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުކުރުމަށް، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތައް ގެނައުމަށް ހިންގާ މަސައްކަތެކެވެ.

ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، މުޅި ދައުލަތުގެ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0' މަޝްރޫޢުގެ ދަށުން، ސައްތައިން ސައްތަ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަންކަމެވެ. މިއީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް، އިދާރީ މަސައްކަތްތައް ހަލުވިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ރަސްމިއްޔާތުގައި، ދިވެހިރާއްޖެ 2.0 ގެ ތަޞައްވަރަށް ޢަމަލީ ސިފަގެނެސްދެއްވައި، ރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ހަދިޔާއެއް ވަނީ އަރުވާފައެވެ. މި ހަދިޔާ އެމަނިކުފާނަށް އަރުވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙެވެ.