ރައީސް، ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރަނީ

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް މެދުވެރިކޮށް މިރޭ ހިއްސާކުރެއްވި މައުލޫމާތުގައި ވާގޮތުން، މި ބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސަލާހުއްދީން ސްކޫލްގައެވެ.


ރައީސް މުއިއްޒު މިހާރު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މި ސިލްސިލާ ބައްދަލުވުންތައް ފެށިފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ތަރުޖަމާނު ހީނާ ވިދާޅުވާ ގޮތުގައި، މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ، ދައުލަތުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް މި ބައްދަލުވުމަށް ދައުވަތު އެރުވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.


މާލޭގެ ހުޅުމާލެ ހިމެނޭ ގޮތަށް ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވީ، މި ސަރުކާރުގެ ދެ އަހަރު ފާހަގަކުރުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. މީގެ އިތުރުން، އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ. ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ވަނީ އަންނަ ބުދަ ދުވަހުގެ ރޭ ވެސް ހަމަޖައްސަވައިފައެވެ.