ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދިވެހި ވިޔަފާރިވެރިންގެ ޚިޔާލުފުޅު ހޯއްދެވުމަށް ބުދަ ދުވަހުގެރޭ ބައްދަލުވުމެއް ބާއްވަވާނެ ކަމަށް މިއަދު ވަނީ އިޢުލާން ކުރައްވާފައެވެ. ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ އަޑުއެއްސެވުމަށް ރައީސް ކުރިއަށްގެންދަވާ ބައްދަލުވުންތަކުގެ ސިލްސިލާއެއްގެ ތެރެއިން އޮންނަ ބައްދަލުވުމެކެވެ.
މި ބައްދަލުވުން އޮންނާނީ ސޯޝަލް ސެންޓަރުގައި ކަމަށާއި، ދިވެހި ވިޔަފާރިވެރިންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އެރުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަރުކާރުން މި އަހަރު ތެރޭގައި އެޅި ބައެއް ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް، ޚަރަދު ކުޑަކުރުމުގެ ނަމުގައި ބައެއް މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ދިނުމުގެ ބަދަލުގައި ދައުލަތުގެ ކުންފުނިތަކަށް ހަވާލުކުރުމަކީ އަމިއްލަ ވިޔަފާރިތަކަށް ފުރުސަތުތައް ގެއްލި، އިޤްތިޞާދީ ދައުރުވުމަށް އަސަރުކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިއެވެ.
މިދިޔަ މަހު ސަރުކާރުން 206 މަޝްރޫއު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ނަމަވެސް، ބީލަމަކާ ނުލައި އެ މަސައްކަތްތައް ދިނުމާއި، ސަރުކާރުގެ ބޭފުޅުންނާ ގުޅުންހުރި ކުންފުނިތަކަށް ވެސް މަޝްރޫއުތައް ދިނުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވިއެވެ. މީގެ އިތުރުން، ކުރީ ސަރުކާރުގެ ބިލްތައް ވެސް ހިމެނޭ ގޮތަށް، އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ހިފަހައްޓާފައިވާތީ، ވިޔަފާރިތައް ބަނގުރޫޓުވުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ ތުހުމަތުތައް ވެސް ސަރުކާރަށް އަމާޒުވެފައިވެއެވެ.
ރައީސް ވެރިކަމަށް ވަޑައިގެންނެވީ ޑޮލަރުގެ އަގު ދަށްކޮށް، ކަޅު ބާޒާރު ނައްތާލުމުގެ ވައުދާއެކު ނަމަވެސް، ސަރުކާރުގެ ފިޔަވަޅުތަކުގެ ސަބަބުން ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މައްޗަށް ގޮސް، ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް، ރައީސް ވިދާޅުވެފައިވަނީ 2027 ވަނަ އަހަރުގެ ފަހުކޮޅު ޑޮލަރުގެ އަގު 15.45 ރުފިޔާއަށް ތިރިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.