އިކޮނޮމިކް މިނިސްޓަރ ސައީދު --

ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓު ކުރުމުގައި މިއަދު ޖެހިލުމެއް ނުވޭ: ސައީދު

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ބޮޑެތި ކުންފުނިތަކުން ދިވެހިރާއްޖޭގައި އިންވެސްޓުކުރުމަށް މިއަދު ޖެހިލުމެއްނުވާކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައިލާ ޓައުންޝިޕް މަޝްރޫޢުއަށް ހުއްދަދިނުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅުދައްކަވަމުން  މިއީ ދިވެހި ރައްޔިތުން ފަހުރުވެރިވާވަރުކަމެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މުޅި ސައުތު އޭޝިއާގައި، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަކީ އެއްވަނަކަމަށް ވިދާޅުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ދިވެހިންނަށް ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެއްކަމަށް ވިދާޅުވެފައިވެއެވެ. 

ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ބޮޑެތި ކުންފުނިތަކުން އެންމެ ގަޔާވާކަންތައްކަމަށެވެ.

ހުއްޓުމެއްނެތި ގައުމުގެ ރީތިކަން ޕްރޮމޯޓް ކުރުމާއެކު އެހެނިހެން ގައުމުތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަކުރުމަކީ ދިވެހިރާއްޖެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ ގޮތުގައި ދެމިއޮންނަ ސަބަބުކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. 

މީގެއިތުރުން މިކަމުގައި ކްރިސްޓަލް ހޯލްޑިންގް ގެ ފަރާތުން އެންމެ ބޮޑު ޔަގީންކަމެއް ލިބިގެންދިޔައީ 45 އަހަރުގެ ޒަމާނަށް ނުފެތޭ ފޮރިން އިންވެސްޓުމަންޓުގެ ޤާނޫނު އުވާލައި، ޒަމާނަށް ފެތޭ ޤާނޫނެއް ހެދުމުންކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެނައި ބަދަލެއްކަމަށް  ވިދާޅުވެފައިވެއެވެ. 

މި ގެނެވުނު ބަދަލަކީ ގިނަ ފޮރިން އިންވެސްޓަރުންނާ، ރާއްޖޭގެ މޮޅު ލޯޔަރުންނާ، ބިޒްނަސް ކައުންސެލަރުންނާ ވާހަކަދައްކަވާ ވަރަށް ބުރަ މަސައްކަތަކާއެކު ކުރެވުނު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި ރައްޔިތުންގެ ޚިޔާލަށް ވެސް އެތައް ފަހަރަކު ހުޅުވާލެވިފައިވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ. 

ނޫނު އަތޮޅުގައި މި ފަޅުގެ ސަރަހައްދު ހިއްކާފައިވާކަމަށް ވިދާޅުވެ، މި ތަންތަނުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަމަށް ވަޒީރު އަލިއަޅުއްވާލާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރަކީ މި ނޫނު ޓައުންޝިޕްގެ ދަށުން ދެވޭ ހިދުމަތަކީ އެހެން ބަޔަކަށް ދެވޭ ވަރުގެ ހިދުމަތަކަށް ވުރެން ފުރިހަމަވުން ކަމުގައި ވެސް ވަޒީރު ސައީދު ވިދާޅުވެފައިވެއެވެ.