ރާއްޖޭގެ ބައެއް ނޫސްތަކުން އަމަލުކުރަމުންދަނީ ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފަށް، ސިޔާސީ ޕާޓީތަކުން އަމަލުކުރާ އުސޫލުން ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ޝައިހާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ވަކި ނޫސްތަކަކުން ވަރަށް ބޮޑަށް ޓާގެޓްކޮށްގެން ރާއްޖޭގެ އިގްތިސާދާ މެދު ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް 'އަދަދު' ނޫހަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ނޫހުގެ މަސައްކަތްތައް ހުންނަ ގޮތުން ބައެއް ފަހަރު އެއީ ސިޔާސީ ޕާޓީއެއް ބާވައޭ ހީވާ ކަމަށާއި، ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އިލްޒާމް އެޅުވުމަށް އެ ނޫހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަދަދަށް ބަލައިފި ކަމަށް ވަންޏާ ބައެއް ފަހަރު ހީވޭ އަދަދަކީ ސިޔާސީ ޕާޓީއެކޭ ވެސް. ހަމަ ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާއަށް އެ މަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމެއް އަޅުވާނެ ކަމެއް ހަމަ އެގޮތަށް މި ދަނީ،" މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން ކުރާ ރަނގަޅު ކަންތައްތަކުގެ ވާހަކަ އެފަދަ ނޫސްތަކުން ނުލިޔާކަން ފާހަގަކުރައްވައި، އެއީ ނޫސްވެރިކަމުގެ މިނިވަންކަން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑޮލަރާއި، ހަނޑުލާއި، ބޭހާއި އެލްޕީޖީ ފަދަ ޒަރޫރީ ތަކެތި ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ގައުމަށް ލިބޭ ގެއްލުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. އަދި އެންމެންނަކީ ވެސް އެއް ގޮފިގަނޑެއްގައި ތިބި ބަޔަކަށް ވާއިރު، އެ ގޮފިގަނޑު ހަލާކުކޮށްލުމުން ގެއްލުންވާނީ އެންމެންނަށް ކަމަށް ވެސް ވިދާޅުވިއެވެ.