މި އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިގްތިސާދީ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިގްތިސާދުގެ ދެފަރާތް" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި މިއަހަރުގެ މާޗް މަހު ސޮއިކޮށްފައިވާ ކަމަށެވެ.
ދިވެހި ޒުވާނުންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ރާއްޖެ ޑިޖިޓަލް އިގްތިސާދެއްގެ ތެރެއަށް ވެއްދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ބައިނަލްއަގުވާމީ ބޮޑެތި ޕްލެޓްފޯމްތަކާ ރާއްޖެއާ ގުޅުވައިދިނުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، "އޮތެންޓިކް މޯލްޑިވްސް" މެދުވެރިކޮށް އަލީބާބާ ފަދަ ވަސީލަތްތަކުގައި ރާއްޖޭގެ 400 އަށްވުރެ ގިނަ ވިޔަފާރި މިހާރު ލިސްޓުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއާއެކު މަޝްވަރާ ކުރެވެމުންދާ އިންވެސްޓްމަންޓް މުއާހަދާގެ މައިގަނޑު އެއް ބޭނުމަކީ އިންޑިއާގެ ބޮޑު މާކެޓަށް ދިވެހި އުފެއްދުންތައް ގެންދިއުމުގެ މަގު ޒުވާނުންނަށް ފަހިކޮށްދިނުމެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ އައިޓީ އަދި މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު، ސޮފްޓްވެއާ އާއި އެޕްލިކޭޝަން އުފައްދާ ދިވެހި ޒުވާނުންނަށް ބޮޑެތި ފުރުސަތުތަކެއް އެބައޮތެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ޔޫޕީއައިގެ ހިދުމަތް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވައި، މިއީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ ޕޭމަންޓް ނިޒާމެއް ކަމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މާކެޓްތައް ގުޅިގެންދާއިރު، ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ގޮތަށް ބެލެންސް ހިފެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، މިހާރުވެސް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެކި އެއްބަސްވުންތަކުގެ ދަށުން 648 މިލިއަން ޑޮލަރުގެ ރިސޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ދަނީ ކުރިއަށެވެ. މި އެފްޓީއޭގެ ސަބަބުން ވިޔަފާރީގެ ހުރަސްތައް ކުޑަވެ، އިންވެސްޓްމަންޓްތައް އިތުރުވެ، ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވާނެއެވެ. އަދި ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންނަށާއި އިންޑިއާގައި އުޅޭ ދިވެހިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ރާއްޖެއިން އަންނަނީ އެކި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރަމުންނެވެ. އެގޮތުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުމަށް ޖެނުއަރީ 2025 ގައި އަމަލުކުރަން ފަށާފައިވާއިރު، ތުރުކީއާއެކު ވެފައިވާ އެއްބަސްވުމަށް މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.