ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ވަރަށް ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަށް އޮތް އިހުތިރާމާއި ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތްޕުޅުގައި ރައީސް ޔާމީނާ މެދު އެއްވެސް ކަހަލަ ހިތްބޮޑުކަމެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ރައީސް ޔާމީން ދެކެ އެންމެ ލޯބިވާ، އެމަނިކުފާނުގެ އަރިހުގައި ހުންނަން އެންމެ ބޭނުންފުޅުވާނެ އެއް ބޭފުޅާ ކަމަށް ވެސް ސައީދު ފާހަގަކުރެއްވިއެވެ.
ސިނަމާލެ ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އޭރުގެ ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުއިއްޒު އެ މަސައްކަތް ކުރެއްވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި އޭރުގެ އިގްތިސާދީ ވަޒީރަކަށް ހުންނެވީ އޭނާ ކަމަށްވުމުން، އެ މަޝްރޫއުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ވާހަކަ ދެއްކެވީ އޮޅުވާލުމުގެ ނިޔަތެއްގައި ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް އޮންނަންވާ ފުރިހަމަ އިޙްތިރާމު ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހިތްޕުޅުގައި އަބަދުވެސް އޮވޭ، އޮންނާނެ. އެ އެއްޗެއް ބަދަލެއް ވެސް ނުވާނެ،" ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި މަދު ބަޔަކު ދައްކާ ވާހަކަތަކަކީ އެމަނިކުފާނު ގަބޫލުކުރައްވާނެ ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ދޭންޖެހޭ ކްރެޑިޓް ފުރިހަމައަށް އޮންނާނެ ކަމަށާއި، ނަމަވެސް ބައެއް ފަރާތްތަކުން ވާހަކަ އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ ޓީމަކީ އެކަތިގަނޑެއްގެ ގޮތުގައި އޮތް ޓީމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.