އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު | ފޮޓޯ: މަޖްލިސް

ޑޮލަރުގެ އަގު ހެޔޮ ނުވަނީ އެމްޑީޕީއާ ހެދި: ސައީދު

މުހައްމަދު ހަމީޒް
 
9 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ތިރިނުކުރެވި، ކަޅު ބާޒާރެއް އުފެދެން މެދުވެރިވީ އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ، ސަރުކާރު ހިންގާ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ ޑޮލަރުގެ އަގު ދަށްކުރާނެ ކަމުގެ ޔަގީންކަން 2024 ވަނަ އަހަރުގެ ތެރޭގައި އޭނާ ދެއްވާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ އަގު އުފުލިފައިވަނީ އެމްޑީޕީގެ ދެ ސަރުކާރުން އަމަލުކުރި ގޮތުން ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ގާނޫނުތައް މެދުކަނޑާލައި، އިންތިހާއަށް ފައިސާ ޗާޕުކުރުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ އަގު ވަކި ރޭންޖެއްގައި ހިފެހެއްޓުމަށް ނިންމި ނިންމުމުގެ ނޭދެވޭ އަސަރު އަދިވެސް ރައްޔިތުންނަށް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ޑޮލަރުގެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަށް މިނިސްޓަރު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މިހާރު ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20.50 ރުފިޔާގައެވެ. މިއީ ރަސްމީ ރޭޓް ކަމަށްވާ 15.42 ރުފިޔާއަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ، މި ސަރުކާރަށް ބޭރު ފައިސާ ހޯދޭނެ މަގެއް ނުފެންނަ ކަމަށެވެ.

ފައްޔާޒް އިތުރަށް އިންޒާރު ދެއްވި ގޮތުގައި، މި މައްސަލަ ހައްލުނުވެ ދިގުލައިގެންދާ ނަމަ، ޑޮލަރެއްގެ އަގު 23 ރުފިޔާއަށް އުފުލިދާނެ ކަމުގެ ބިރު އެބައޮތެވެ. މި މައްސަލައަކީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަކަށް ވާއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި މިކަމުގެ ބަހުސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.