ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން އަލުން ހިއްކަން ފަށައިފި

އާއިޝަތު އަނާ ރަޝީދު
 
9 ގަޑިއިރު ކުރިން

މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ލުއިކުރުމަށް ކުރިއަށްގެންދާ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފަށައިފިއެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތް ވަގުތީ ގޮތުން ހުއްޓިފައި އޮތުމަށް ފަހު، މިއަދު ފެށީ ތިންވަނަ ފިޔަވަހިން ބާކީ އޮތް 38 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތަކެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫޢުގެ ދަށުން މިހާތަނަށް 24 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހުނު ސަބަބަކީ ހުޅުމާލޭގެ މާސްޓާ ޕްލޭން އިޞްލާޙުކުރުމުގެ މަސައްކަތް ކުރިއަށް ދިއުމެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމާ ގުޅިގެން، މި ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތަކުގެ ފަރާތްތަކުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މި މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ސަރަހައްދަށް ވަޑައިގެން ބައްލަވާލައްވާފައިވެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭ މަޝްރޫޢެކެވެ. މި މަސައްކަތް އަވަހަށް ނިންމައި، ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަކީ، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދިނުމަށް ނިންމާފައި ވަނިކޮށް، މި ސަރުކާރުން ވަނީ މިހާތަނަށް އިއުލާންކުރި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ ފުށިދިއްގަރު ހިއްކުމުގެ މަޝްރޫޢު ތަޢާރަފުކޮށްފައެވެ. އަދި، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ވުރެ، ފުށިދިއްގަރު މަޝްރޫޢަށް މި ސަރުކާރުން އިސްކަންދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވެފައިވެއެވެ.