ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންގެ މުސާރަ ދޫކުރުމުގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މިމަހުގެ 26ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރުން މެދުކަނޑާލަން އުޅޭ ކަމަށް ބުނާ މައްސަލައިގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓީއެމްއޭގެ ޕައިލެޓުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ކުރިން ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ދެން ދޭނީ ދިވެހި ރުފިޔާއިންނެވެ. އެގޮތުން މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން ދޭން ވަނީ ނިންމައިފައެވެ.
މިކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް އަންނަ ހޮނިހިރު ދުވަހު ޓީއެމްއޭގެ ޕައިލެޓުން ސީޕްލޭންގެ ދަތުރުތައް މެދުކަނޑައިލަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި މަޓާޓޯއިން ބުނީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ލޮޖިސްޓިކްސްގައި ޓީއެމްއޭގެ ދައުރު މުހިންމު ކަމަށެވެ. އަދި ދަތުރުތައް ހުއްޓާލައިފިނަމަ ރާއްޖޭގެ އިގްތިސޯދުގެ ބިންގާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ފުޅާ ދާއިރާއެއްގައި އަސަރުކުރާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކާ ދެމެދު ދަތުރުކުރާ މައި އެއް ތަނބުކަން ފާހަގަކޮށް މަޓާޓޯއިން ބުނީ އެ ކަނެކްޓިވިޓީ ހުއްޓިއްޖެނަމަ ދަތުރުވެރިން ތާށިވެ، ލޮޖިސްޓިކް މައްސަލަތައް އުފެދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓުންނަށް ލިބެންޖެހޭ ފުރިހަމަ ޚިދުމަތް ނުލިބިދާނެ ކަމަށެވެ.