މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) — ފޮޓޯ: މިހާރު

ވިޔަފާރިވެރިޔާ އެމްޔޫ މަނިކު އަވަހާރަވެއްޖެ

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ އެއް ބާނީ އަދި ޔުނިވާސަލްގެ ވެރިޔާ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަވަހާރަ ވެއްޖެ އެވެ.

ޔުނިވާސަލް އެންޓަޕްރައިސަސްއިން ނެރުއްވި ބަޔާނަކުން ވިދާޅުވީ، އުމަރު މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ސިންގަޕޫރު ގަޑިން މިއަދު ހެނދުނު 6:30 ގައި ކަމަށެވެ. އެމަނިކުފާނު އަވަހާރަވީ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދެރަވެ، ބޭސްފަރުވާ ކުރައްވަމުން ގެންދަވަނިކޮށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް 1972 ވަނަ އަހަރު ވޫޖޫދަށް އާއިރު، އެމްޔޫ މަނިކަކީ އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއްބޭފުޅާއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އުމަރު މަނިކު ކޮށްދެއްވި ގިނަގުނަ ހިދުމަތްތައް ފާހަގަކޮށް، ސަރުކާރުން ވަނީ އެމަނިކުފާނަށް އެކި ފަހަރުމަތިން ޝަރަފުވެރި އިނާމުތައް ދެއްވާފައެވެ. 1982 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އަންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، 2002 ވަނަ އަހަރު އެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން މިނިވަން 25ގެ ޢާންމު ހިދުމަތުގެ އިނާމުވެސް އުމަރު މަނިކަށް ލިބިވަޑައިގެންފައިވެއެވެ.