ހަންކެޑެ މަޝްރޫއު ހުއްޓާލުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ފޭސްބުކްގައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަންކެޑެ މަޝްރޫއު ހުއްޓާލާ، އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ސަރުކާރުން ނިންމި ނިންމުމާއި، އައްޑޫގެ ގިނަ ރައްޔިތުންނެކޭ އަޒާންވެސް ދެކޮޅު ކަމަށެވެ.
ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކުރަން ނިންމާފަވާ މަޝްރޫއެއްކަން ފާހަގަކޮށް އަޒާން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައި ކަމަށެވެ. އަދި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ދައްކާފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ މި ސަރުކާރުންކަން ފާހަގަކުރއްވާ އަޒާން ވިދާޅުވީ 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު 'މަޝްރޫއު އިފްތިތާހުކުރުމަށް' ބޮޑު ރަސްމިއްޔާތެއް ވެސް ބޭއްވި ކަމަށެވެ. އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ސަރުކާރުން އިއުލާންކޮށްފައިވާއިރު މިއީ ކަންބޮޑުވާ ކަމެއް ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ހަންކެނޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން، ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެން ކަމަށެވެ. އެ އިޖުރާއަތުތައް ހިނގަމުން ދަނިކޮށް އާ ލޯނެއް ދިނުން ޗައިނާގެ ގާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
"އަޅުގަނޑުގެ ނަޒަރުގައި ހަންކެނޑެ މަޝްރޫޢުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން." އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި އައްޑޫ އަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވާކަން އަޒާން ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވީ އައްޑޫގައި ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުންވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރާއި އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެނޑެ މަޝްރޫއު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި، ރާއްޖޭގެ ތަރައްގީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި. އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއް ކަމަށް އަޒާން ވިދާޅުވިއެވެ.
ހަންކެޑެ މަޝްރޫއު ހުއްޓާލުމަށް ނިންމުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން އައްޑޫގެ ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގައިވެސް ފާހަގަކުރަމުންނެވެ. އެގޮތުން މި މަޝްރޫއަކީ އެތައް ސަރުކާރެއް އައިސްފައި ދާއިރުވެސް ކުރިއަށް ނުގެންދެވި އޮތް މަޝްރޫއެއް ކަމަށާއި ހަންކެޑެ މުޅި މަޝްރޫއަކީވެސް ސަރުކާރުތަކުގެ ސްކޭމެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.