އދ. ހަންޏާމީދޫ ކައިރީގައި އޮންނަ "އުތުރު އަަތަފަރު" ހަންޏާމީދޫގެ ބައެއް ގޮތުގައި ކަނޑައަޅުއްވައި، އެ އަތޮޅުގައި އޮންނަ "އަލިކޮއެ ރަށް" ފަތުރުވެރިން ގޮވައިގެން ގޮސް އެ ސަރަހައްދުގެ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ކަނޑައަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހަންޏާމީދުއަށް ވަޑައިގެން ރައީސް ވަނީ އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
އެ ރަށަކީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށެއްކަން ހާމަކުރައްވައި، ރައީސް ވިދާޅުވީ، ރައްޔިތުންނަށް އިތުރު ފުރުސަތުތައް ހޯދައިދީގެން ދާއިރާ އިތުރަށް ކުރިއެރުވުމަށް "އުތުރު އަތަފަރު" އެ ރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އެ ރަށް ތަރައްގީކުރުމުގެ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ހަންޏާމީދޫ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ވިދާޅުވީ، ރަށާ ކައިރި އަދި އެ ސަރަހައްދުގެ އެހެން ރަށްރަށުން ވެސް ފަތުރުވެރިން ގޮވައިގެން ދެވޭނެ ހުސް ރަށްތަކެއް ނެތް ކަމަށެވެ.
އެހެންވެ، ހަންޏާމީދުއާއި އަތޮޅުގެ އެހެން ރަށްތަކަށް ބޭނުންކުރެވޭ ގޮތަށް "އަލިކޮއެ ރަށް" ފަތުރުވެރިން ގޮވައިގެން ގޮސް ބޭނުންކުރެވޭ ރަށަކަށް ހައްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަލިކޮއެ ރަށް އެހެން އެއްވެސް ބަޔަކަށް ދޫނުކުރައްވާނެ ކަމަށާއި ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އުޞޫލެއްގެ ދަށުން ހަންޏާމީދުއާއި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ މީހުންނަށް އެ ރަށް ބޭނުންކުރެވޭނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަތްސަތޭކައެއްހާ މީހުން ދިރިއުޅޭ ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ރަށެކެވެ.