މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,374,699 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1,261,503 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 1,008,081 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 300,763 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 36,519 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 28,354 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.