ރާއްޖެ އިޝްތިހާރުކުރާ ޓެޒް ސްކައިލާ --

ރާއްޖެ އިޝްތިހާރުކުރަން ވަންޕީސްގެ ތަރި ޓެޒް ސްކައިލާ

ނާއިފް ހަލީމް
 
2 ދުވަސް ކުރިން

ނެޓްފިލްކްސްގެ އެންމެ ކާމިޔާބު ޝޯވގެ ރެކޯޑް ބިންދާލާފައިވާ "ވަން ޕީސް" ސީރީޒްގެ ތަރި ޓެޒް ސްކައިލަރ، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި އައްޔަނުކޮށްފިއެވެ.

 ސްޓްރޯ ހެޓް ޕައިރޭޓްސްގެ ފަންނުވެރި ކައްކާ ސަންޖީގެ ދައުރު އަދާކުރާ ސްކައިލަރ، އޭނާގެ އެމްބެސެޑަރޝިޕްގެ ތެރޭގައި ދިވެހިރާއްޖޭގެ ހިތްގައިމު ޤުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޚާއްސަކޮށް އެޑްވެންޗަރ ފަތުރުވެރިކަމުގެ ފުރުސަތުތައް ޕްރްމޯޓްކުރުމުގައި ހަރަކާތްތެރިވާނެއެވެ.

ނެޓްފްލިކްސްގެ "ވަން ޕީސް" ވަނީ މި ސްޓްރީމިންގ ޕްލެޓްފޯމް ކުރިން ނުދެކޭފަދަ ކާމިޔާބީއެއް ހޯދާފައެވެ. މި ސީރީޒް ނެރުމާއެކު، 84 ޤައުމެއްގައި އެންމެ ގިނައިން ބަލާ ޝޯ އަށް ވެގެން ދިޔައެވެ. މިއީ ކުރިން "ވެޑްނެސްޑޭ" އަދި "ސްޓްރޭންޖަރ ތިންގްސް" އިން ހޯދާފައިވާ ރެކޯޑުތައް މުގުރާލި ކާމިޔާބީއެކެވެ. މި ސީރީޒް އަކީ މިހާތަނަށް އެންމެ ރަނގަޅު ލައިވް-އެކްޝަން އެނިމޭ އެޑަޕްޓޭޝަންތަކުގެ ތެރެއިން އެއް އެޑަޕްޓޭޝަން ކަމަށް ފާޑުކިޔުންތެރިންނާއި ފޭނުންގެ ތަޢުރީފު ލިބިފައިވެއެވެ.

އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލަރގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ. މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަޤްވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހީންގެ އާދަކާދައާއި، ރާއްޖޭގެ ކަލިނަރީ އަދި އެޑްވެންޗަރ ފަތުރުވެރިކަމުގެ ވާހަކަތައް، ދިވެހިވަންތަކަމާއި ޝައުގުވެރިކަމާއެކު ދައްކުވާދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ސްކައިލަރ 27 އޯގަސްޓު އިން 15 ސެޕްޓެމްބަރ 2025 އަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެއެވެ. މި ދަތުރުގައި ދިވެހިރާއްޖޭގެ މަޖާކަންތައްތަކާއި ކެއުމުގެ ދާއިރާ ދުނިޔެއަށް ދައްކުވައިދޭ މާކެޓިންގ ހަރަކާތްތަކުގައި ބައިވެރިވާނެއެވެ. 

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ މަޤްޞަދުތަކަކީ:

• ބައިނަލްއަޤްވާމީ އޯޑިއަންސްތަކުގެ ތަފާތު ގިންތިތަކަކަށް ދިވެހިރާއްޖެ ޕްރޮމޯޓްކުރުން.

• މަޝްހޫރު ޝަޚްޞިއްޔަތުތަކުގެ މާކެޓިން ނުފޫޒާއެކު، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ އިންފްލުއެންސަރުން އެންމެ ގިނައިން ވާހަކަދައްކާ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލަށް ހެދުމާއި، މަންޒިލަށް އާ ދޮރުތައް ހުޅުވުން.

• އެފަރާތްތަކުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި، ދިވެހި ސަގާފީ ތަޖުރިބާތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދިނުން.

• އިތުބާރުހުރި ބައިނަލްއަޤްވާމީ ޝަހުސިއްޔަތުތަކާއެކު ދިވެހި ފަތުރުވެރިކަމުގެ ބްރޭންޑިންގ ވަރުގަދަކުރުން.

• މުހިންމު ބައިނަލްއަޤްވާމީ މާކެޓުތަކުގައި ހުރިހާ ފެންވަރެއްގައި، އޭގެ ތެރޭގައި ޢާއިލާތަކާއި، ޒުވާނުންގެ އޯޑިއަންސްތަކާއި، އެޑްވެންޗަރ ފަތުރުވެރިކަން ހިމެނޭގޮތަށް، މަންޒިލުގެ މަޝްހޫރުކަން އިތުރުކުރުން.

މިއީ ވިޒިޓް މޯލްޑިވްސްއިން ދިވެހިރާއްޖެ ތެދުވެރިކަމާއި ނުފޫޒާއެކު ތަމްސީލުކުރެވޭނެ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މަޝްހޫރު ފަރާތްތަކާއެކު މާކެޓްކުރުމަށް ކެނޑިނޭޅި ކުރާ މަސައްކަތްތަކުގެ ކާމިޔާބު އެއް ސަފްހާއެވެ.