ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދަޢުވަތު އަރުވަން އެމްއޭސީއެލްއިން ނިންމައިފިއެވެ. މި ޚާއްޞަ ޙަފުލާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ގައެވެ.
މިކަމާއި ގުޅިގެން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ، 26 ވަނަ ދުވަހުގެ ރޭ ބާއްވާ އެ ޚާއްޞަ ޙަފުލާ އަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމަވާފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ އެ ބޭފުޅުންނަށް ވަކިވަކިން ދައުވަތު އަރުވާނެ ކަމަށެވެ.
މީގެއިތުރުން، އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.