ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ދިމާވާ ކިއޫތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަންނަ އަހަރު ފެށުމުގެ ކުރިން އީ-ގޭޓުތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިކަމަށް ނިންމެވީ ވީއައިއޭ ބޭނުންކުރާ ރައްޔިތުންނާއި ފަތުރުވެރިންނަށް ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނަ ވަގުތުތަކެއް ކިއުގައި މަޑުކުރަން ޖެހުމުގެ ދަތިކަން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އެގޮތުން، އެންމެ އާ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީ-ގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި މިހާރު ހަރުކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ގޭޓުތަކުގެ ޒަރީޢާއިން ފުރަތަމަ ފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު ހުއްދަ ލިބޭނީ މޫނު ދެނެގަތުމުގެ (ފޭޝަލް ރެކޮގްނިޝަން) ނިޒާމުގެ އެހީގައެވެ. އަންނަ އަހަރު ފެށުމުގެ ކުރިން، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުގެ އެރައިވަލް އަދި ޑިޕާޗާ ސަރަހައްދުގައި ޖުމްލަ 20 ގޭޓް (ކޮންމެ ސަރަހައްދެއްގައި 10 ގޭޓް) ހަރުކުރެވި، ބޭނުންކުރަން ފެށޭނެއެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ވެސް މިފަދަ އީ-ގޭޓްތައް ބޭނުންކުރަން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިއީ ދަތުރުފަތުރުގެ ކަންކަން ފަސޭހަކުރުމުގެ އިތުރުން، ރާއްޖޭގެ ބޯޑަރު ރައްކާތެރިކުރުމަށް ލިބޭނެ ޑިޖިޓަލް ހައްލެއް ކަމަށެވެ. އަދި މިއީ ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އިހުސާން ސިފަކުރެއްވިއެވެ. ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތް ފެށުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ އާ ޓާމިނަލް ހުޅުވީ މިދިޔަ ޖުލައި މަހުގެ 26 ގައެވެ.
އާ ޓާމިނަލް ހުޅުވިފައިވީ ނަމަވެސް، މިހާތަނަށް އެ ޓާމިނަލް ބޭނުންކުރަމުންދަނީ ހަމައެކަނި މޯލްޑިވިއަނުންނެވެ. މީގެ ކުރިން އެމްއޭސީއެލުން ބުނެފައިވަނީ، އެއާލައިންތައް އެއްފަހަރާ ނޫންކަމަށް ވިޔަސް، މަޑުމަޑުން އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށެވެ. ވީއައިއޭގެ އިތުރުން ރާއްޖޭގައި މިވަގުތު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭހެން އިތުރު ދެ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހުރެއެވެ.