ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ކަމަށްވާ ޓާމިނަލް 1 އިން، އިންޑިއާގެ ގައުމީ އެއާލައިން ކަމުގައިވާ އެއާ އިންޑިއާއަށް މިއަދުން ފެށިގެން ހިދުމަތްދޭން ފަށައިފިއެވެ.
އާ ޓާމިނަލުން އެއާ އިންޑިއާއަށް ހިދުމަތް ދިނުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަ ސުބްރަމާނިއަން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެއާ އިންޑިއާގެ ޗެކިން ކައުންޓަރު ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަދިޔާ ދިނުމުގެ ކަންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، ޓާމިނަލް 1 އަށް ފުރަތަމަ ފަހަރަށް ޖެއްސި އެ އެއާލައިންގެ ފްލައިޓުން ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މީގެ އަހަރުތަކެއް ކުރިން، އެގޮތުން 21 ފެބްރުއަރީ، 1976 ގައެވެ.
އެއާ އިންޑިއާއާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 18 އަށް އަރާފައެވެ.