ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޓްރޭޑްމާރކް ބިލް ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2025 ނޮވެމްބަރ 10 ވީ ހޯމަދުވަހު ފާސްކުރެވިފައިވާ ޤާނޫނެކެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކުރުމާ ގުޅޭ ނިޒާމެއް އެކުލަވާލުމެވެ. މީގެ އިތުރުން، ޓްރޭޑްމާރކްގެ ވެރިފަރާތްތަކަށް ލިބިދޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކޮށް، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތަކާއި، ކަމާގުޅޭ އެހެނިހެން މައިގަނޑު އުސޫލުތައް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ޙައްޤަކަށް އަރައިގަތުމުގެ ޙާލަތްތަކުގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައް މި ބިލުގައި ވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ. އެގޮތުން، ޙައްޤަށް އަރައިގަތުމާ ގުޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދާ އިމްޕޯޓްކުރެވޭ ހާލަތްތަކުގައި އެޅޭނެ ފިޔަވަޅުތައް ހިމަނާފައިވެއެވެ. އަދި، މާރކް ކައުންޓަރފީޓްކުރުމުގެ ކުށާއި އެ ކުށުގެ އަދަބުތައް ބަޔާންކުރުމުގެ އިތުރުން، މިކަންކަން ތަންފީޒުކުރުމުގައި ކޯޓުތަކާއި ކަމާބެހޭ އިދާރާތަކުގެ ދައުރު ވެސް ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކްތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި، މި ޤާނޫނާއި އޭގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް އަލުން ރަޖިސްޓްރީކުރުމަށް ހުށަހެޅުން މަޖުބޫރުކޮށްފައިވެއެވެ. މީގެ އިތުރުން، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތަކެއް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ. ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ޤާނޫނު ފާސްވެ، ތަޞްދީޤުކުރެވި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 12 މަސްދުވަސް ފަހުންނެވެ.