މި ސަރުކާރުގެ ދެ އަހަރުގެ ތެރޭ ހާސިލްކުރެވުނު ކަމެއް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވިދާޅުނުވެވޭ ކަމަށާއި، ރައީސް ވިދާޅުވަމުން ގެންދަވަނީ ހަމައެކަނި ކުރިއަށް ކުރައްވާނެ ކަންކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވިދާޅުވެއްޖެއެވެ.
ޔާމީން މިކަން ފާހަގަކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ޒުވާނުންނަށް ޚާއްސަކޮށްގެން އޮރިޑޫ އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ދެ އަހަރު ދުވަހު މި ސަރުކާރުން ކުރި މަސައްކަތްތަކާއި، ނިކުތް ނަތީޖާއާ މެދު ސުވާލު އުފައްދަވާފައެވެ.
ރައީސް މުއިއްޒު މި މަހުގެ 14ވަނަ ދުވަހު ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވީ، މުޅި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އެކި ތަންތަނުން ބިން ހިއްކައި ގޯތި ދެއްވާނެ ވާހަކަފުޅުކަމަށެވެ.
"ރިޕޯޓު އިއްވައި ނިންމަނީ. މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކައެއް ވިދާޅެއް ނުވޭ... އެކަމު ހައްތަހާވެސް އެ ދެ އަހަރު ކުރެވުނު ކަމެއް ވިދާޅުނުވެ، ހައްތަހާ ވެސް މި ވިދާޅުވަނީ ރަސްމާލެއިން 15،000 މީހުންނަށް ގޯތި ދެއްވާނަމޭ. ކާށިދޫ ކަނޑުން 30،000 މީހުންނަށް ގޯތި ދެއްވާނަމޭ، ބަރަވެލި ކަނޑުން 20،000 މީހުންނަށް ގޯތި ދެއްވާނަމޭ، ހައްތަހާ ވެސް ކުރަންހުރި ކަންތައްތައް،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހިން އެނގޭ ގޮތުގައި ހިއްކައިފައި އޮތް ބިންކޮޅަކުން ގޯތި ދިނުމަކުން ރައްޔިތުންނަށް ނޫޅެވޭނެ ކަމަށެވެ. އެ ތަންތަނުގައި އުޅެވޭނީ އެކަމަށް ބޭނުންވާ އަސާސީ އިންފްރާސްޓްރަކްޗާ (ކަނޑުތޮށިލުމާއި، ކަރަންޓާއި ފެނާއި ނަރުދަމާ) ގާއިމްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޔާމީން ވިދާޅުވީ، "ބިންކޮޅު ހިއްކަވައިލުމަކީ އެންމެ ފަސޭހަ ކަންތައް. އެހެންވެގެން އެ އުވަދޯނި އެހާ މަޝްހޫރުވެގެން އެ އުޅެނީ" ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ދަރަނީގެ ސިޔާސަތަށް އަލިއަޅުވާލައްވަމުން ޔާމީން ވިދާޅުވީ، ދަރަންޏަކީ ސަރުކާރެއް ހިންގާއިރު އޭގެ ޒާތުގައި އޮންނާނެ އެއްޗެއް ކަމަށެވެ. ނަމަވެސް، ދަރަނި އުފައްދައިގެން ކުރުން މުހިންމީ ދަރަނި ފޫބެއްދޭ ވަރުގެ އިގްތިޞާދީ މަސައްކަތްތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، "... ދަރަނި އޮންނާނެ، އެކަމު ދަރަނި އުފައްދައިގެން ރައްޔިތުންނަށް ބޭނުންތެރި މަސައްކަތްތަކެއް ކޮށްދޭށޭ. ދަރަނި އުފައްދައިގެން ދަރަނި ފޫބެއްދޭވަރުގެ، އާމްދަނީ ލިބޭވަރުގެ އިގްތިޞާދީ މަސައްކަތްކުރާ" ކަމަށެވެ. ޔާމީން ވަނީ މި ސަރުކާރަށް މިހާ ހިސާބަށް އާދެވުނުއިރު، ރައްޔިތުން އުފާވާ ފަދަ އެއްވެސް ކަމެއް ކުރެވުނުތޯ ވެސް ސުވާލު އުފައްދަވާފައެވެ.