ފައިސާ ޗާޕުކުރަނީ މުސާރަދޭން، ދަރާފަހުރި ފައިސާ ދޭކަށްނޫން: ޔާމީން

ނާއިފް ހަލީމް
 
1 މަސް ކުރިން

ސަރުކާރުން ކުންފުނިތަކަށް ދަރާފައި އޮތީ 2.3 ބިލިއަން ރުފިޔާ ނޫން ކަމަށާއި އެ ފައިސާ ނުދޭނެ ކަމަށް ވިދާޅުވެ، މިހާރު ސަރުކާރުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ފައިސާ ނަގަނީ މުސާރަ ދޭނެ ވަރު ވެސް ނެތިގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ސަޕްލަޔަރުންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ އެބައޮތެވެ.

އެހެން އޮއްވާ އެމްއެމްއޭއިން ވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ދޭން މަސައްކަތް ފަށާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ވިދާޅުވެ، ކުންފުނިތަކަށް ދޭންޖެހޭ 2.3 ބިލިއަން ރުފިޔާ ދައްކާ ނިންމަވާނެކަން އިއުލާނުކުރައްވާފައެވެ.

އެކަމަކު، އެއީ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ، މާލީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޕީއެންއެފުން ސިލްސިލާ ގޮތެއްގައި ބާއްވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ހިސާބު އަދަދުތައް ހުރި ވަރުން ނަމަ 2.5 ބިލިއަން ރުފިޔާ ޗާޕުކޮށްގެން ކުންފުނިތަކަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދެއްކޭނެ ކަމަށެވެ. ކުންފުނިތަކަށް ދަރާފައި އޮތީ 2.3 ބިލިއަން ނޫން ކަމަށާއި އެ އަދަދު 14 ބިލިއަނަށް އަރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

2.3 ބިލިއަން އެ ނުވޭ ހުވަނދަކަށް ވެސް،" ޔާމީން ފާޑުވިދާޅުވިއެވެ.

"އެއީ ދެން އެ ހޫނުގަނޑު އަރައިގެން ދިޔައީމާ، ތިމަންނަ މި އުޅެނީ ޕްރައިވެޓް ސެކްޓަރުގެ މި ހުރި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ބޭނުމުގައޭ ބުނަނީ. އެކަމަކު، އެއީއަކީ ނޫން މަގުސަދަކީ.... އެ ކަމެއް ނުވެސް ކުރާނެ،"

އޭގެ ކުރިން ޔާމީން ވަނީ ތަފާސްހިސާބުތަކެއް ހިއްސާކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 14 ބިލިއަން ރުފިޔާ އެބައޮތް

ސަރުކާރު ކުންފުނިތަކަށް ދޭންޖެހޭ 20 ބިލިއަން ރުފިޔާ އެބައޮތް

ސަރުކާރު އޮތީ ޖުމުލަ 32 ބިލިއަން ރުފިޔާއިން ދަރާފައި

އެއީ ކުދިކުދި ދަރަނިތައް ނުލާ

"މިއީ ދެންމެ ތި ވާހަކައިގައި ފެއްޓި ގޮތަށް މުސާރަ ދޭނެ ލާރި ވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމާ. ހަމަ އެ ކަމަށް މި ވަގުތުން މި ވަގުތަށް އޮތް ހައްލަކީ މިއީ ކަމަށްވާތީ މިކަން މި ކޮށްލަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.