މަޖިލީހުގެ ނައިބު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް - -

5 މިލިއަން ޑޮލަރުގެ ހަޤީގަތް ނާޒިމް ކިޔާދީފި!

އާއިޝަތު އަނާ ރަޝީދު
 
2 މަސް ކުރިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވި ފަސް މިލިއަން ޑޮލަރާ ގުޅޭ ތަފްސީލީ މަޢުލޫމާތުތަކެއް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ހާމަކުރައްވައިފިއެވެ. 

މި މައްސަލައިގައި ޔާމީން އަމިއްލަފުޅަށް އެތައް ފަހަރެއްގެ މަތިން އިއުތިރާފްވެވަޑައިގެންފައިވާ ފައިސާގެ ހަގީގަތް ރައްޔިތުންނާ ހިއްސާކުރެއްވީ މެންދުރު ޓީވީގެ "ޖަވާބުދާރީ" ޕްރޮގްރާމްގައި އައިމިނަތު ޝަފާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ޔާމީނާ މައްސަލަ ޖެހުނު މައިގަނޑު ސަބަބަކީ ވައްކަމަށް އިންކާރުކުރެއްވުމެވެ. އެމްއެމްޕީއާރުސީގެ މައްސަލައަކީ ރައީސް ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި އަހްމަދު އަދީބު މެދުވެރިކޮށް ހިންގި ބޮޑު ވައްކަމެއްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. 

މި ވައްކަމަކީ ޔާމީންގެ އަމިއްލަ މުއްސަނދިކަން އިތުރުކުރެއްވުމަށް ރޭވިގެން ހިންގި ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީން އަޅުއްވާފައިވާ ގެކޮޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ގެކޮޅު އެޅުއްވުމަށް ފަންޑުކުރެއްވި ގޮތާއި ފައިސާ ހޯއްދެވި ގޮތުގެ ރަސްމީ ލިޔެކިޔުންތައް އޮންނަންޖެހޭނެ ކަމަށެވެ. އެހެން ފަރާތަކާއެކު އެގްރިމެންޓެއް ހެއްދެވިކަމަށް ވިދާޅުވުމަކުން ނުފުދޭނެކަމަށާއި، އެ ފަރާތަށް ފައިސާ ދެއްކެވި ގޮތުގެ ތަފްސީލުވެސް ސާފުވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އިތުރު ތަފްސީލު ދެއްވަމުން ނާޒިމް ވިދާޅުވީ، ބޭރު ދައުލަތަކުން ރާއްޖޭގެ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދެއްވި 20 މިލިއަން ޑޮލަރާއެކު، މަޝްހޫރު ފަސް މިލިއަން ޑޮލަރުވެސް ވޮޝިންގްޓަން ބޭންކް މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޖަމާވެފައިވާ ކަމަށެވެ. މި ފައިސާއަކީ ޔާމީނަށް ބޭނުންކުރެއްވޭނެ ފައިސާއެއްތޯވެސް ސުވާލު އުފެދޭ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ މުހިންމު މަޢުލޫމާތުތައް އެނގިވަޑައިގަންނަވާ ފަރާތްތަކާއި މުއައްސަސާތައް ރާއްޖޭގައި ހުރިނަމަވެސް، އެންމެ ބޮޑު މައްސަލައަކީ އެ މަޢުލޫމާތުތައް ހާމަނުކުރުން ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން މި ވަގުތު ހާމަކުރެއްވޭނީ މިވަރަށްކަމަށްވެސް ވިދާޅުވިއެވެ. މި މުޅި މައްސަލައަކީ ބޮޑު ވައްކަމެއްކަމަށާއި، މީގެ އެންމެ އިސް ފަރާތަކީ ކުރީގެ ރައީސް ޔާމީންކަން ކަށަވަރުކަމަށް ނާޒިމް ވިދާޅުވިއެވެ.