މީޑިއާ ބިލަކީ ނޫސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ތަރައްގީ ކުރުމަށް ރަނގަޅު ނިޔަތުގައި އެކުލަވާލެވިފައިވާ ބިލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވެފައިވަނީ މި ބިލުގެ މަގުސަދަކީ މިނިވަން ނޫސްވެރިކަން ނައްތާލުން ނޫން ކަމުގައެވެ. އަދި މިއީ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރެވިގެންދާކަމެއް ކަމުގައި ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ ސަރަހައްދުތަކެއް ކަނޑައެޅި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރެވޭނެ ވެށްޓެއް ގާއިމުވެގެންދާނެ ކަމަށެވެ. އަދި މީޑިއާ ކައުންސިލުން ކުރިން ހުށަހެޅި ޑްރާފްޓާ އަޅާބަލާއިރު، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ޕީޖީއަށް އެއްވެސް ބާރެއް ދީފައިނުވާކަން ފާހަގަކުރެއްވިއެވެ.
މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން، މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ބިމެއް ކަނޑައަޅައި، ވަކި މުއްދަތެއްގެ ތެރޭގައި އެ މަޝްރޫޢު ނިންމުމަށް ހަވާލުކޮށްފައިވާ ކަމަށާއި، ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލެއް އެކުލަވާލައި، އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީޑިއާތަކުން އަމިއްލައަށް ގަވާއިދުތައް ހަދައިގެން ކުރިއަށްދާން ބޭނުންވާކަމަށް ބުނަމުންދާއިރު، މަޖިލިސް މެންބަރުންގެ މައިގަނޑު ޒިންމާއަކީ އެކަން ރަނގަޅު އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިހާރު ޢަމަލުކުރަމުންދާ މީޑިއާއާ ގުޅޭ ގާނޫނުތަކަށް 16 އަހަރު ވެފައިވާއިރު، މި މުއްދަތުގައި މީޑިއާއަށް ފުޅާ މިނިވަންކަމެއް ލިބިފައިވީ ނަމަވެސް، މީޑިއާގެ ދާއިރާއަށާއި ނޫސްވެރިންނަށް އަމިއްލަ ގޮތުން ލިބެންޖެހޭ ކުރިއެރުންތައް ނުލިބޭކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލަކީ އަމިއްލަ މެންބަރަކު ހުށަހެޅުއްވި، މި ބިލު ހުށަހެޅޭ ދެވަނަ ފަހަރުކަންވެސް ފާހަގަކުރެއްވިއެވެ.