ރާއްޖޭގައި މިހާރު ހިންގާ މީޑިއާތަކަކީ "ޗެކްބުކް" މީޑިއާތަކެއް ކަމަށާއި، އަބަދު ފައިސާ ދޭ ކޮޅަކަށް މީޑިއާއިން ޚަބަރުތައް ލިޔާ ނަމަ ދުވަހަކު ވެސް ރާއްޖޭގައި މީޑިއާ ކުރިނާރާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް, ސަރުކާރާ ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، އެ ބިލު ބައިނަލްއަގުވާމީ ގިނަ މިންގަނޑުތަކަށް ފެތޭ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގައި 2024ވަނަ އަހަރު އަމަލުކުރަން ފެށި މީޑިއާ ގާނޫނުގެ މައިގަނޑު ބައިތައް އެބަހުރި ކަމަށާއި، ވިލާތުގެ އިއްތިހާދުގެ ޑައިރެކްޓިވް ބައިތަކާއި ބިލުގެ ބައެއް ބައިތައް އެއްގޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، މީޑިއާތަކަށް މިހާރު އޮތް ގޮތަކީ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަން އެންމެ ރަނގަޅު ވަގުތަކީ މިއީއެވެ. ނާޒިމް ވިދާޅުވިގޮތުގައި ކޮމިޓީ މަރުހަލާގައި މީޑިއާ އާ ބައްދަލުކޮށް މީޑިއާގެ ކަންބޮޑުވުން ހުރި ކަމަށްވާ ނަމަ، މީޑިއާ އާ ވާހަކަ ދެކެވި އެންމެން އެއްބަސްވެވޭ ހައްލަކަށް އާދެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
"މިހާރުގެ ހާލަތަށް ބަލާލާއިރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ އެއްވެސް ހިފެހެއްޓުމެއް ނެތި އެއްވެސް އިމެއް ނެތި މީހުންގެ އަބުރަށް އަރައިގަންނަ ތަން، މީހުންގެ އާންމު މަސްލަހަތު ގެއްލުވާލާތަން، ކުދިކުދި ރަށްރަށާއި އަދި ގައުމުގެ ވަކި ސަރަހައްދުތަކުގެ ވެސް މަސްލަހަތު ގެއްލޭ ގޮތަށް މީޑިއާތަކުން ހަރަކާތްތެރިވަމުން ދާ ތަން،" ނާޒިމް، ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ހިންގާ މީޑިއާތަކަކީ "ޗެކްބުކް" މީޑިއާތަކެއްގެ ގޮތުގައި ސިފަކުރައްވައި ނާޒިމް ވިދާޅުވީ، މީޑިއާތަކަށް މަހުޖަނުންނާއި ފައިސާވެރިން ފައިސާ ދިނުމުން ފައިސާ ދޭ ގޮތަކަށް މީޑިއާތަކުން ސުރުޚީ ޖަހައިދޭ ކަމަށާއި، ބޭރު ގައުމުތަކުގައި ވެސް ކަން ހިނގަނީ އެ އުސޫލުން ކަމަށެވެ.
މީޑިއާތައް ވަކި ބައެއްގެ ދަށުގައި އޮންނަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވިގޮތުގައި ޒިންމާދާރުކަމާ އެކު ނޫސްވެރިކަން ކުރާ ނޫސްވެރިންނަށް އެންމެ ފައިދާ ބޮޑުވާނީ މިނިވަން މީޑިއާ އޮވެ، މީޑިއާތަކުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ހޯދުމުންނެވެ.