ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލް މިއަދު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މި ގާނޫނު 2013 ވަނަ އަހަރު ފާސްކުރި ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ގާނޫނަށް އިސްލާހު ގެނެސް، މާލޭގެ ވަކި ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި އެއްވުން ބޭއްވުމަށް ފުލުހުންގެ ހުއްދަ ހޯދުން މަޖުބޫރުކުރި އެވެ.
މި ގާނޫނު އުވާލަން ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ. ބިލް މަޖިލީހަށް ބަލައިނުގަތުމަށް ނެގުނު ވޯޓުގައި 48 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރިއިރު، ބިލަށް ތާއީދުކޮށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެމްބަރުން އެކަންޏެވެ.
ބިލާ މެދު މިއަދުގެ ޖަލްސާގައި ކުރެވުނު ބަހުސްގައި، އޭދަފުށި ދާއިރާގެ ޕީއެންސީ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އަދި މަޖިލީހުގެ މެޖޯރިޓީ އޮތްއިރު އެ ގާނޫނު އިސްލާހު ނުކުރެވުނީ ސިޔާސީ ޕާޓީތަކުން މިފަދަ ވާހަކަތައް ދައްކަނީ އިހުލާސްތެރިކަމަކުން ނޫން ކަމަށް ވާތީ ކަމަށެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ ކޮންމެ ބަޔަކު ވެސް ވެރިކަން ލިބުމުން އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރާ ގޮތަށް ކަންތައްތައް ބަދަލުކުރާނެ ކަމަށާއި، ވެރިކަން ނުލިބޭހާ ހިނދަކު މިފަދަ ސިޔާސީ ކަންކަމަށް އަޑުއުފުލަމުންދާނެ ކަމަށެވެ.
މެމްބަރު މީކާއިލް ވެސް ވަނީ މިކަން ފާހަގަކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަން ފުޅާކުރަން ކޮންމެ ޕާޓީއަކުން ވެސް ބޭނުންވަނީ ވެރިކަން ގެއްލުމުން ކަމަށެވެ. ނަމަވެސް އޭނާ މިފަހަރު ބިލް ހުށަހެޅުއްވީ ކުރިން ވެސް އެ ގާނޫނު އުވާލުމަށް ތާއީދުކޮށް ވޯޓު ދީފައިވާތީ ކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަމުގައި ވެސް 2016 ވަނަ އަހަރު ގާނޫނަށް ގެނެސްފައިވާ އިސްލާހު އުވާލުމުގެ ބިލެއް މަޖިލީހަށް ހުށަހެޅި ނަމަވެސް، އެ މަޖިލީހުގެ ދައުރު ނިމިގެން ދިޔައިރު ވެސް އެ ބިލް ފާހެއް ނުކުރެވުނެވެ.