ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖާ ގުޅިގެން އަސްމާ މާފަށް އެދިވަޑައިގެންފި

އާއިޝަތު އަނާ ރަޝީދު
 
2 ދުވަސް ކުރިން

މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުމާ ގުޅިގެން، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖަކާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މިއަދު މާފަށް އެދިވަޑައިގެންފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ރައީސްއާ ސުވާލުކުރުމަށް ނުވަތަ މެސެޖެއް ދިނުމަށް ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް އެދިވަޑައިގެން، އަސްމާ ވަނީ ދާއިރާގެ މެންބަރުންނަށް މެސެޖެއް ފޮނުއްވައިފަ އެވެ. އަސްމާގެ މި މެސެޖާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އަސްމާ މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، އޭނާ ފޮނުއްވި މެސެޖުގެ މަޤްސަދަކީ، ޖަލްސާގައި އެކި ސަބަބުތަކާ ހުރެ ރައީސްއާ ސީދާ ސުވާލުކުރުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސްއާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި، "އަޅުގަނޑު ފޮނުވި މެސެޖާ ގުޅިގެން އެއްވެސް ބޭފުޅަކަށް އޮޅުމެއް އަރާފައިވާ ނަމަ، ނިހާޔަތަށް މާފަށް އެދެމެވެ،" މިހެން ވިދާޅުވެ، އޭނާ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަސްމާގެ މެސެޖާ ގުޅިގެން ރައީސްގެ ބައްދަލުވުންތަކާ މެދު އާންމުންގެ މެދުގައި ނޭދެވޭ ތަސައްވަރެއް އުފެދިފައިވާތީ، މާފަށް އެދިވަޑައިގަތުމަށް ރައީސް ވަނީ އަންގަވައިފަ އެވެ. ރައީސް، މަޖިލިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުންނަށް ސީދާ ގޮތެއްގައި އެ މަނިކުފާނާ ސުވާލުކޮށް، މެސެޖެއް ދީ، ނުވަތަ ސިޓީއެެއް ހަވާލުކުރަން ފުރުސަތު ދިނުމުގެ ގޮތުން ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، "މި ނޫން ގޮތަކަށް ރައްޔިތުން ގާތު ބައެއް އެމްޕީސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެސެޖްކޮށް ދަންނަވަމުން ދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް ދަންނަވަން،" ކަމަށެވެ. މިއީ މެންބަރުން ތިއްބަވާ ގްރޫޕަށް ރައީސް ފޮނުއްވި މެސެޖެއް ކަމަށް ވެ އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި، އެ ބައްދަލުވުންތަކުގައި ބައިވެރިވާ ރައްޔިތުންނަށް، މިހާތަނަށް ވެސް، ދައްކަން ބޭނުންވި ވާހަކައެއް މިނިވަންކަމާ އެކު ދެއްކުމުގެ ފުރުސަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.