ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހި، ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ބާއްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރުމަށް މިއަދުގެ ޖަލްސާގައި 75 މެންބަރުން ވޯޓު ދެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
މި އިސްލާހާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭނީ، ދާއިރާގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ކަނޑައެޅުމަށެވެ. ނަމަވެސް، އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ މިފަދަ ވޯޓަކާ ނުލައި ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ބިލު ފާސްކުރުމަށެވެ. އެ ނިންމުން މިއަދުގެ ޖަލްސާއިން ވަނީ އިތުރު ބަދަލެއް ނުގެނެސް ފާސްކޮށްފައެވެ.
މެންބަރުން ޕާޓީން ވަކިވުމުންނާއި، ވަކިކުރުމުން ވެސް ވަގުތުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ މި މަޖިލީހުގައި މިދިޔަ އަހަރު އިސްލާހުކޮށްފައެވެ. ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން މެންބަރަކު އިންތިޚާބުވި ޕާޓީ އޭނާގެ މެންބަރުކަން ހިނގަމުންދާ ދައުރުގައި ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ. މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
މި އިސްލާހާ އެކު މެންބަރުން 'ތަޅުއެޅުވުނީ' ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. އަދި ގާނޫނުއަސާސީއަށް މި ގެނައި ބަދަލު އުވާލުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލަ ކުރިއަށް ނުދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.