އެ މަނިކުފާނު އަނިޔާވެރިވެވީ ކަމަށް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި، ކުރީ ސަރުކާރުތަކުން ގާސިމަށް ދިންހެން ރަށްތަކާއި ފަޅުތައް ނުދިނީމާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވެއްޖެއެވެ.
ކާޑެއްދޫ އެއާޕޯޓުގެ މައްސަލައިގައި ޔާމީނާއި، ގާސިމާ ދެމެދު ވަރަށް ހޫނު ބަހުގެ ހަމަލަތައް އަންނަނީ ބަދަލުކުރައްވަމުންނެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ވޭކްއަޕް ޖަލްސާގައި ޔާމީން ވަނީ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް ނަގަނީ، ވިލާ އެއާއިން ދައުލަތަށް ދައްކަންޖެހޭ 33 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފުކުރާ ގޮތަށްކަމަށް ވިދާޅުވެފައެވެ.
ގާސިމް ވަނީ ޔާމީންގެ އެ ތުހުމަތުތައް ދޮގު ވެސް ކުރައްވައިފައެވެ. އޭގެ ފަހުން ނެރުއްވި ބަޔާނެއްގައި ގާސިމް ވިދާޅުވީ ޔާމީނަކީ ޒާތީ ހަސަދަވެރިއެއް ކަމަށެވެ. އަދި، ޔާމީން އޭނާގެ ވިޔަފާރިތަކުގެ އަގު ވެއްޓުމަށާއި، އާއިލާ ނިކަމެތިކުރަން "ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ" ކަމަށް ވެސް ވިދާޅުވެފައެވެ.
އެ ވާހަަކަތަކަށް ރައްދު ދެއްވަމުން ރޭ ޔާމީން ވިދާޅުވީ، ގާސިމަށް، އެ މަނިކުފާނު އަނިޔާވެެރިއަަކަށްވީ ކުރީ ސަރުކާރުތަކުން އެ މަނިކުފާނަށް ފަޅާއި ފަޅު ރަށްތައް ދިން ގޮތަށް އެ މަނިކުފާނުގެ ވެރިކަމުގައި ނުދިނުމުން ކަމަށެވެ.
"އަޅުގަނޑު ގާސިމަށް ހަނދާންކޮށްލަދޭން ބޭނުންވަނީ، މިއަދު ވެސް އަޑުގަދަކޮށްފައި މި ބުނަނީ ތިމަންނާއަށް އެންމެ އަނިޔާވެރިކޮށް ކަންތައް ކުރީ ރައީސް ޔާމީނޭ. އެ ކީއްވެ އަނިޔާވެރިވީ؟ އެއީ އެހެން ސަރުކާރުތަކުން ދިން ހެން ފަޅުތަކާއި ރަށްތަކާ ނަގާފައި ނުދިނީމާ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ ކުރީގެ ރައިސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގާސިމް ޖަލުގައި އޮންނެވިއިރު ބޭސްކުރަން ރާއްޖޭން ބޭރަށް ދާން އުޅުއްވަން ޖެހިވަޑައިގެންނެވި ހާލު ހަނދާންކޮށްދެއްވައިފައެވެ. އެގޮތުން، ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އޭނާގެ މިލްކިއްޔާތުގެ އެއްބައި ދައުލަތުގައި ރަހުނުގެ ގޮތުގައި ބަހައްޓާފައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ނަމަވެސް، އެ މަނިކުފާނުގެ ވެރިކަމުގައި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިންކަން ސާބިތުވެގެން ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުުމުގައި ހުންނަވަނިކޮށް، ބޭސް ފަރުވާއަަށް ވަޑައިގަަތުމަށް ހުރަސް ނާޅުއްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.