ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަސް އަހަރުގެ ދައުރު ނިންމަވާލެއްވީ ދައުލަތުގެ މުހިންމު މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެން، ރަސްކަލެއް ފަދައިން ތާސްކުޅުމުގައި ވަގުތު ހޭދަކުރައްވައިގެންނެވެ. މިއީ މިހާރުގެ ވެރިކަން ކުރާ ޕާޓީ، އަދި ކުރީގެ ޔާމީންގެ އެންމެ އަރިސް ބޭފުޅުން އެކި އެކި ހަފްލާތަކާއި ޖަލްސާތަކުގައި މިހާރު ދައްކާ އެއް ވާހަކައެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުން، އޭރުގެ ޕީޕީއެމް ސަރުކާރުން ދުވަހުން ދުވަހަށް ހިންގަންޖެހޭ މުހިންމު ކަންކަމުގައި އެމަނިކުފާނު ސީދާ ގޮތުން ބައިވެރިވެވަޑައިގަތުން މަދުކަން ފާހަގަކުރެވެއެވެ.
މި މައްސަލައިގައި ވާހަކަދައްކާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރުގެ ބޮޑެތި މަޝްރޫޢުތަކާއި އިދާރީ ހިންގުމުގެ ބުރަ މަސްއޫލިއްޔަތުތައް އޭރުގެ ނައިބު ރައީސުންގެ ބޮލުގައި އަޅުއްވައި، އެމަނިކުފާނު ހުންނެވީ ސަރުކާރުގެ ކަންކަމާ ދުރުގައެވެ. މީގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.
ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އެކި ދާއިރާތައް ހިންގުމުގެ ފުރިހަމަ ބާރު ނައިބު ރައީސުންނަށް ދޫކޮށްލާފައި އޮތުމަކީ އޭރުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. "ރައީސް ޔާމީން ބޭނުންފުޅުވީ ހަމައެކަނި ނިންމުންތައް ނިންމަވަން އިންނަވާށެވެ. މަޝްރޫއުތަކުގެ ކްރެޑިޓް ނެގުމާއި ރިބަން ކަނޑަން ވަޑައިގަތުމެވެ. އަމަލީ މަސައްކަތާއި، ވަޒީރުންނާ ބައްދަލުކުރުމާއި، ރައްޔިތުންގެ ގާތަށް ވަޑައިގަތުން ފަދަ ކަންކަން އޮތީ ނައިބު ރައީސްގެ ޒިންމާއެއްގެ ގޮތުގައެވެ،".
މީގެ އިތުރުން، ރައީސް ޔާމީން ގިނަ ވަގުތު ހޭދަކުރެއްވީ އެމަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު މުނިފޫހިފިލުވުމުގެ ކަންކަމުގައެވެ. އޭގެ ތެރޭގައި ތާސްކުޅުން ފަދަ ކަންކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއްވި ކަމީ ދިވެހި ތާރީހާއި ސިޔާސީ އެތަށް ބަޔަކު ހެކިވާނެ ކަމެކެވެ. މިއީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު، ޤައުމީ ބޮޑެތި މައްސަލަތަކަށްވުރެ އަމިއްލަ އަރާމަށް އިސްކަންދެއްވި ކަމުގެ ހެއްކެއްގެ ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން އިއްތިފާގުވެ އެވެ.
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި، ރައީސް އޮފީހުގެ ތެރެއިން ނިންމަންޖެހޭ ބައެއް މުހިންމު ނިންމުންތައް ލަސްވެގެން ދިޔައީ ރައީސް ޔާމީން އެކަންކަމަށް ދެއްވަންޖެހޭ ސަމާލުކަން ނުދެއްވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި ނުފޫޒުގަދަ ވަކިވަކި ފަރާތްތަކެއް އުފެދި، ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމަށް މަގުފަހިވެގެންދިޔަ ކަމަށްވެސް ބެލެވެއެވެ.
2028 ވަނަ އަހަރު ރިޔާސި އިންތިހާބުން ލިބުނު ނާކާމިޔާބީއާއި ގުޅިގެން ރައްޔިތުންނަށް ދެއްވި ހިތާބެއްގައި އެމަނިކުފާނު ވިދާޅުވީ ތިމަންނާއަށް ކައިރީގައި ތިބި މީހުން ދަސްނުވީ ކަމަށެވެ. އެއީ ވަރަށް ބޮޑު ތެދު ފުޅެކެވެ. ކައިރީގައި ތިބި ބަޔަކު ދަސްވާނީ ކާލާ މަންނަ މުށުތެރެއިން ދޫކޮށް، ކައިރީގައި ތިއްބެވި ވަޒީރުންނާއި އެކު ވަގުތު ހޭދަ ކޮށްގެންނެވެ. ގޭގައި ތާސް ކުޅެން ހުރެގެން ދަސްވާނީ ތާސްބައިގައި ހުރި ގަނޑު ތަކެވެ.
ޔާމީން އުފަންވެ ވަޑައިގަތީ ދިވެހި ތާރީހުގައި އެންމެ ދިގު ވެރިކަމެއް ކުރި އެންމެ ބޮޑު ޝާހީ އާއިލާ އަށެވެ. ޝާހީ ވަންތަ ކަމާއި، ރައްޔިތުންނާއި ކެބިނެޓުގެ ވަޒީރުންނާއި ދުރުން ވެރިކަން ކުރުން އެއްވެސް ދިވެއްސަކަށް ހައިރާން ކުރުވަނި ކަމަކަށް ވެގެން ނުވާނެއެވެ.
ޖުމްލަ ގޮތެއްގައި، ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކަށްވުރެ ބޮޑަށް، ޝާހީ ދިރިއުޅުމެއް އުޅުއްވުމަށް އިސްކަންދެއްވި ދައުރެއްގެ ގޮތުގައި ތާރީޚީ ގޮތުން ގިނަ ބަޔަކު މިހާރު ދަނީ ސިފަކުރަމުންނެވެ. މިކަމުގެ ސަބަބުން އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށްވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.