ކުރީގެ ރައީސް ޔާމީން --

މަލިކަކީ ދިވެހިންގެ ތަނެއްކަމަށް ބުނެ ޔާމީނުގެ ރައްދު އިންޑިއާ ނޫސްވެރިންނަށް

މުހައްމަދު ހަމީޒް
 
3 މަސް ކުރިން

ޗާގޯސްގެ މައްސަލައިގައި އިންޑިއާގެ ބައެއް ނޫސްވެރިން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، މަލިކަކީ ތާރީހީ ގޮތުން ދިވެހިންގެ ތަނެއް ކަމަށާއި އެ ތާރީހު ދަސްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ. ޔާމީން މިހެން ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބެންޖެހޭ ކަމަށް ވަކާލާތު ކުރާނަމަ، މަލިކަކީ ވެސް ރާއްޖޭގެ ތަނެއް ކަމަށް ދިވެހިން ބުނެފާނެ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން ފާޅުކުރި ހިޔާލުތަކާ ގުޅިގެންނެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މަލިކަކީ އުފެދުމުގައި އިންޑިއާގެ ތަނެއް ނޫން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރު ހިނގި، ދިވެހިންގެ މިލްކެއް ކަމަށެވެ. "މަލިކަކީ އިންޑިއާގެ ތަނެއް ނޫން. އެއީ ދިވެހިރާއްޖޭގެ ތަނެއް. އިންޑިއާގެ ނޫސްވެރިން ތާރީހު ބަލައިލުން ރަނގަޅު ވާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ އުތުރުގައި އޮތް އަތޮޅަށް ކިޔާ ފުރަތަމަ ނަމަކީ ވެސް "މަލިއްކަޑޫ އަތޮޅު" އެވެ. މަލިކަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް އޭރުގެ ރަސްކަލުން އިންޑިއާގެ ކަންނަންނޫރު އަލީ ރާޖާއަށް ދޫކޮށްލެއްވި ތަނެއް ކަމަށް ތާރީހުން އެނގެން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ރަށުގައި މިހާރު ވެސް ދިވެހި ބަހުން ވާހަކަ ދައްކަނީ އެ ސަބަބާ ހުރެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އުތީމު މަހާރަދުން ބޮޑުތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގައި އެމަނިކުފާނުގެ އާއިލާއަށް ހިމާޔަތް ހޯއްދަވައިދެއްވީ ވެސް މަލިކުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނުގެ އާއިލާ ދިރިއުޅުއްވި "ދިވެހިގަނޑުވަރު" ގެ ނަމުން ނަންދެވިފައިވާ ބިނާ އަދިވެސް އެތަނުގައި ހުރިކަމީ މަލިކަކީ ދިވެހިންގެ ތަނެއް ކަމުގެ ދިރިހުރި ހެއްކެއް ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

މަލިކާ ގުޅޭގޮތުން ޔާމީން މިފަދަ މޭރުމަކުން ވާހަކަދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ޔާމީން ވަނީ މަލިކަކީ ރާއްޖެއަށް ގެއްލިފައިވާ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މަލިކަކީ ދިވެހި ތާރީހާއި ސަގާފަތާ ގުޅިފައިވާ، ނަމަވެސް ސިޔާސީ ގޮތުން ވަކިވެފައިވާ ތަނެއް ކަމަށެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން، އިންޑިއާގެ ނޫސްވެރިން މަލިކުގެ މައުޟޫއު ކުރިއަށް ނެރުމަކީ ތާރީހީ ހަގީގަތް އޮޅުވާލުން ކަމަށް ޔާމީންގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.