އދ. މާމިގިލީ ކައިިރިއަށް ފީނަން ދިޔަ ކުޑަކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެ ކުއްޖާ މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
އެ ކުއްޖާ ފެނުނީ އެ ރަށު މޫދުން، ގާތްގަނޑަކަށް 18 މީޓަރު އަޑިންނެވެ. އެ ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ގެއްލިގެން ހޯދީ 15 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިރޭ 7 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެ ކުއްޖާ ގެއްލުނީ އިތުރު ތިން ކުދިންނާ އެކު މިއަދު މެންދުރުގެ ވަގުތެއްގައި ފީނަން ގޮސް އުޅެނިކޮށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ފުލުހުންނާއި އެމްއެންޑީއެފުން ވެސް ކުރަމުން ދަނިކޮށް، އެ ކުއްޖާ ފެނުނީ މޫދު އަޑިންނެވެ.