ޝިއާއުގެ މަރު: ޝާހިލްގެ ޝަރީއަތް މިއަދު

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

2022 ވަނަ އަހަރު ރަހުމު ކުޑަކޮށް މަރާލައިފައިވާ ޝިއާއު މުހައްމަދު ސައީދުގެ މައްސަލާގައި ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލު ކޮށްފިއެވެ.

ޝާހިލްއާ ގުޅޭ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް މިއަދު ބޭއްވުމަށް ރޭވިފައިވަނީ މެންދުރު ފަހުގެ ދަންފަޅީގައެވެ. މި މައްސަލައިގެ ޝަރީޢަތް ފެށުނީއްސުރެ ކުރިއަށްދަނީ ޢާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރު ޖަލްސާތަކެއްގެ ގޮތުގައެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ބައެއް ދަޢުވާތައްވެސް ވަނީ ސިއްރުކުރެވިފައި ކަމުން، މައްސަލައިގެ ފުރިހަމަ މަޢުލޫމާތު ހާމަކުރެވިފައެއް ނުވެއެވެ.

ކުރީގެ އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުން ވަނީ ޝާހިލް ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާން ޝަރީޢަތުގެ މަޖިލީހުގައި ބަލައިގަތުމަށް ނިންމާފައެވެ. އޭނާ އެ ބަޔާން ބަލައިނުގަތުމަށް އެދި ހުށަހެޅި ނަމަވެސް، ކޯޓުން އެކަން ވަނީ ބަލައިނުގަނެ ދޫކޮށްލާފައެވެ.

މައްސަލައިގެ ތަޙްޤީޤު މަރުޙަލާގައި އަދި ޝަރީޢަތުގެ ފުރަތަމަ މަރުޙަލާގައި އެއްވެސް އެއްޗެއް ނުބުނެ ހުރި ޝާހިލް، ފަހުން ވާހަކަދައްކަން ފަށައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަމެއް ނެތި އަމިއްލައަށް މައްސަލަ ކުރިއަށް ގެންދަން ބޭނުންވާކަމަށް ވަނީ ފާޅުކޮށްފައެވެ.

ޝިއާއު މަރާލުމަށްފަހު ހަށިގަނޑުގެ ބައިތައް ވަކިކުރި މި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމާއި، އޮރިޔާން ކާޑު ގެންގުޅުމާއި، ކެނެބިސް ބޭނުންކުރުމުގެ އިތުރުން ހާމަނުކުރާ އިތުރު ދެ ދަޢުވާއެއް ހިމެނެއެވެ.

ޝާހިލްގެ ބައްޕަ މީޑިއާތަކަށް ދީފައިވާ މަޢުލޫމާތުގައި ވިދާޅުވެފައިވަނީ ޝާހިލްއަކީ އޭނާގެ ލޮބުވެތި ދަރިއެއް ނަމަވެސް، ޤަޞްދުގައި މީހަކު މަރާފައިވާނަމަ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އަދަބު ދިނުމަށް އެދޭކަމަށެވެ. ޝިއާއުގެ ޢާއިލާއިން އެދިވަޑައިގަންނަވަނީވެސް މަރަށް މަރުގެ ޙުކުމް ތަންފީޛުކުރުމަށެވެ.