އއ. މާޅޮހުގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކު މަރާލައިފި

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

އއ. މާޅޮހުގެ ގެ އެއްގައި ނިދާފައި އޮތް އުމުރުން 65 އަހަރުގެ މީހަކު ޒަހަމްކޮށްލުމުގެ ސަބަބުނެ މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މަރައިލައިފައިވަނީ އެ ރަށު އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމެވެ.

ފުލުހުން ބުނީ، މާޅޮހުގެ ގެއެއްގައި ނިދާފައި މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިން ކަމަށެވެ. އެެހެންވެ ސިއްހީ މަރުކަޒަށް ގެންދެވި ފަރުވާ ދެމުން ދިޔަ ކަމުގެ މައުލޫމާތު ދަންވަރު 01:50 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

އަދި އޭނާއަށް ފަރުވާ ދެމުން އަންނަނިކޮށް ފަތިހުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށާއި، އެ ރަަށަށް މާލެއިން ޚާއްސަ ތަހުގީގު ޓީމެއް ވެސް އަންނަނީ ދަތުރުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.