ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ކުރިން ހެދި އެއްބަސްވުންތައް އުވާލައި، އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލުމަށް 34 މެންބަރުން ވޯޓުދެއްވިއެވެ.
އެއާއެކު ރިޔާސަތުން ވަނީ އެ ކުއްލި މައްސަލަ ބޭރުކޮށްލައިފައެވެ.
މެންބަރު ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އެމްޑީޕީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން، ކ. ގުޅީފަޅުން ގޯތި ދޫކޮށްފައިވީއިރު، އެ ގޯތިތައް ހަވާލުކުރުމަށް ކުރީގެ ސަރުކާރުން އެއްބަސްވުން ހަދައިފައިވަނީ ގާނޫނާ ފުށުއަރާގޮތަށް ކަމަށް ބުނެ، އެ އެއްބަސްވުން ބަދަލުކުރުމަށް ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށެވެ.
އަދި ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި، ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށްފަހު، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވައިލި އެއްބަސްވުމުގައި ސޮއިކުރުމަށް، ގޯތި ލިބުނު މީހުންނަށް މަޖުބޫރުވާގޮތަށް ސަރުކާރުން އަންގަމުންދާކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.