އިޖްތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން. / ފޮޓޯ: މަޖިލިސް

އެންޑޯމެޓްރިއޯސިސްގެ ފަރުވާތަކަށް 14 މީހަކަށް މިއަހަރު އެއް މިލިއަން ރުފިޔާ ފޯރުކޮށްދީފި

މަރިޔަމް ސަމްހާ
 
5 ދުވަސް ކުރިން

އެންޑޯމެޓްރިއޯސިސްގެ ފަރުވާތަކަށް މިހާތަނަށް އެއް މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ.

އިޖުތިމާއީ ކޮމިޓީން މިއަދު ވަނީ އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން އެންސްޕާއާއި  މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އެންސްޕާއިން ބުނީ އެ ބައްޔަށް ހާއްސަ އިސްކަމެއްދީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުން ފެށިގެން އާސަންދަ މެދުވެރިކޮށް އެންޑޯމެޓްރިއޯސިސްގެ ސާޖަރީތަކާއި ފަރުވާއަށް ރާއްޖެއިން ބޭރަށްވެސް ފުރޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށެވެ. އަދި މެޑިކަލް ވެލްފެއާގެ ތެރެއިންވެސް، މި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަމުންދާ ކަމަށް އާސަންދައިން ބުންޏެވެ.

އެންސްޕާއިން ބުނީ މިއަހަރުގެ ޖަނަވަރީން ނިމިދިޔަ ޖޫންމަހުގެ ނިޔަލަށް 14 ފަރާތަކަށް 1 މިލިއަން ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެންޑޯމެޓްރިއޯސިސްއާ ގުޅިގެން އެންސްޕާގެ އެހީގައި ބޭރު ގައުމުތަކަށް ފަރުވާއަށް ފޮނުވާ ހޮސްޕިޓަލުތަކުގައި އެންޑޯމެޓްރިއޯސިސްގެ ސްޕެޝަލިސްޓުން ނުތިބޭކަމަށް ބުނެ ލިބޭ ޝަކުވާތަކާ ގުޅޭ ގޮތުން އާސަންދައިން ބުނީ އެކަމާ ގުޅޭ ސްޕެޝަލިސްޓުން ނުތިބޭކަމަށާއި، އެކަމާ ގުޅޭ ގޮތުން އެމްކިޔުއޭ އިން ގަބޫލުކުރާ ކޯސްތަކެއް ވެސް ނުހުންނަ ކަމަށެވެ. އަދި އެކަމުގައި ސްޕެޝަލައިޒް ވެވެނީ ލިބޭ ތަޖުރިބާތަކުގެ އަލީގައާއި އެފަދަ ބަލި މީހުން ބައްލަވައިގެން ކަމަށް އާސަންދައިން ބުންޏެވެ.