ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު. / ފޮޓޯ: މަޖިލިސް

ބޮޑުކަންނެލި އެކްސްޕޯޓުކުރުމަށް ހުޅުމާލޭގައި ހަދާ ފެސިލިޓީގެ މަސައްކަތް އަންނަނީ ކުރަމުން: ޝުޖާއު

މަރިޔަމް ސަމްހާ
 
6 ދުވަސް ކުރިން

ބޮޑުކަންނެލި އެކްސްޕޯޓުކުރާ މީހުންނަށް ޕެކިން ހެދުމަށް ޓަކައި ހުޅުމާލޭގައި ބިން ކަނޑައެޅި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ މަސްވެރިންގެ ޝަކުވާ މިވީހާ ދުވަހު އެއްސެވި ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

ބޮޑުކަންނެލި މަސްވެރި ޔޫނިއަންއާ ރައީސް ބައްދަލުކުރައްވާ، އެ މަސްވެރިންގެ އެދުމުގެ މަތިން، ލޭނު އެޅުމުގެ ސިޔާސަތާ ސަރުކާރުން ދުރުވި ކަމަށާއި، އެ ނިންމެވުން ރައީސް ނިންމަވާފައިވަނީ މަސްވެރިންގެ އެ ޝަކުވާ އަޑުއަހާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މަސްވެރިންގެ ސިނާއަތް ޖޯކަކަށް ހެދީ އެމްޑީޕީގެ ވެރިކަމުގައި ކަމަށެވެ.

މަސްވެރިންނަށް 100 މޭލު ބޭރުގައި ޕްލެޓްފޯމު ހަދައި ބޮޑުކަންނެލި ކިރޭނެ ގޮތުގެ ވައުދު އެމްޑީޕީގެ 2018 ގެ މެނިފެސްޓޯގައި ހިމެނިކަމަށް ޝުޖާއު ވިދާޅުވިއެވެ.

ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭކަމުގެ ޝަކުވާއާއެކު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަސްވެރިންނާމެދު ހެޔޮ ނިޔަތެއް އޮވެގެނެއް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެން ނަމަ، މިކަމުގައި ކުރެވެމުންދާ މަސައްކަތުގެ މައުލޫމާތު ހޯދާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މަސް ނުކިރި ކިޔު ދިގުވެގެން އުޅެނީ މި ސަރުކާރުގައި ނޫން ކަމަށެވެ. ކުރީގެ އެމްޑީޕީ ސަރުކާރުގައިވެސް އެ ދިގު ކިޔޫ އޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެ ކިޔޫ ކުޑަކުރުމުގެ މަސައްކަތް ކުރަނީވެސް މި ސަރުކާރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ކަނޑުމަސްވެރިންގެ ކިޔޫ މިހާރު ކުޑަކޮށްފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

މި މައްސަލައާމެދު ބަހުސް ކުރައްވަމުން ފޭދޫ ދެކެނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުގައިވެސް މަސްވެރިން ބާނާ މަސް ކިރޭނެ ގޮތް ނުވެ އޮތުމާއި، މަސްވެރިންގެ އެތައް މައްސަލަތަކަކަށް ބޭނުންވާ ހައްލު ހޯދައިނުދީ އޮވުމަށްފަހު، މަސްވެރިން ކިރާ މަހަށް މި ސަރުކާރުން ގަވާއިދުން ފައިސާ ދައްކާ، މަސްވެރިންގެ މައްސަލަތަކަށް ހައްލު ގެންނަމުން އަންނައިރު، މި މައްސަލަތަކަށް ހައްލު ނުގެނެސް އޮތީ މައްސަލަ ހުށަހެޅެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ނިސްބަތްވާ އެމްޑީޕީ ސަރުކާރުން ކަމަށެވެ.

އިބްރާހިމް ދީދީ ވިދާޅުވީ މަސްވެރިންގެ ހުރިހާ މައްސަލަތަކަށްވެސް ހައްލު ހޯދަމުން އަންނަނީ މި ސަރުކާރުން ކަމަށް ވާއިރު، އެކަމާ ކަންބޮޑުވެވަޑައިގެން އެމްޑީޕީގެ މެންބަރުން ކުއްލި މައްސަލަތައް ހުށަހެޅުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް އެމްޑީޕީގެ ވެރިކަމުގައި ފައިސާ ނުދިން ނަމަވެސް، މި ސަރުކާރު އައިސް މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދައްކަމުން އަންނަ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.