ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. / ފޮޓޯ: މަޖިލިސް

ބަހުސް ކުރަން ހުއްޓާ، މައިކު އަޑު ކަނޑާލުމަށްފަހު ޖަލްސާ ނިންމާލައިފި

މަރިޔަމް ސަމްހާ
 
6 ދުވަސް ކުރިން

ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތް ނުވާތީ ހުށަހެޅި ކުއްލި މައްސަލައާމެދު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ބަހުސް ކުރައްވަން ހުއްޓާ މައިކުގެ އަޑު ކަނޑާލުމަށްފަހު މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތް ނުވާތީ ކުއްލި މައްސަލައެއް މިއަދު ހުށަހެޅުއްވީ ވައިކަރަދޫގެ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ.

ހުށަހެޅީ މިހާރުވެސް 120 ޓަނަށް ވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި ބަހައްޓަން ޖެހުމުގެ ސަބަބުން ހަލާކުވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށް ޒިޔާދު ވިދާޅުވެފައިވެއެވެ.

އެ މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންވެސް ވަނީ ވޯޓު ދެއްވާފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރު ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވަމުން އައީ މަސްވެރިންގެ އެތައް މައްސަލައެއް މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހައްލު ނުވެ އޮތް ކަމަށާއި، އެ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން އައީ މަސްވެރިންގެ މައްސަތައް ހައްލުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށާއި، އޭގެ ސަބަބުން މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ.