ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރުމުންނާއި، އެ މަސްވެރިންނަށް ކުރިމަތިވާ އެހެން މައްސަލަތަކަށް ވެސް ހައްލު ނުލިބުމުގެ ސަބަބުން ބޮޑުކަންނެލި މަސްވެރިކަމުގައި އުޅޭ ދޯނިތަކުގެ އަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިފަދައިން ވިދާޅުވީ ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައާމެދު ބަހުސް ކުރައްވަމުންނެވެ.
މައުރޫފް ވިދާޅުވީ މި މައްސަލައަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި މީގެ ސަބަބުން މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަސަރުކުރާ ކަމަށެވެ. އަދި ބޮޑުކަންނެލި ނުކުރި ދާ ކޮންމެ ދުވަހަކީ ކަންނެލީގެ އަގުވެސް ވައްޓަމުންދާ ދުވަހެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.
"250، 300 ފްލީޓު އޮތް ކަންނެލި، މުޅި ސިނާއަތް އިއްޒަތްތެރި ރައީސް، މިއަދު ގޮސް 150 އޮޑިއަށް ތިރިވެގެން އެދަނީ، ކަންނެލި ކިރޭނެ ރަނގަޅު ގޮތެއް ނެތިގެން، ހަމަ އަގު ނުލިބޭތީ، މިއީ މަޖާ ކަމެއް ނޫން." މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މަސް ބާނައިގެން އައުމުން, ކިޔަނީ ހިތު ހުރި އަގެއް ކަމަށެވެ. އަދި 120 ޓަނަކީ މަދު އަދަދެއް ނޫން ކަމަށާއި، މިދިޔަ އަހަރުތަކުގައި ރާއްޖެއިން މަސް އެކްސްޕޯޓު ކުރެވޭ މިންވަރު އިންތިހާއަށް ދަށްވެފައި ހުރި އިރު، މިއަދު މަސްވެރިކަން ރަނގަޅު ނަމަވެސް މަސް ކިރޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ 80 ރުފިޔާއާއި 100 ރުފިޔާއާ ދޭތެރޭގެ އަގު ކަންނެއްޔަށް ދޭން ކަމަށާއި މިފްކޯއަށް ކަންނެލި ގަންނާނެ ކަމަށެވެ. އަދި އެގޮތަށް ކަންތައް ކޮށްފިނަމަ މި މައްސަލައަށް ހައްލު އަންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކޮށް، ބޮޑު ކަންނެލީގެ މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭނެ ގޮތް ހެދުމާއި، ބޮޑުކަންނެލީގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވީއިރު، މިއަދާ ހަމައަށްވެސް އެ ވައުދުތަކާ އެއްގޮތަށް އެކަންތައްތައް ކުރައްވާފައި ނުވާކަމަށް މައްސަލަ ހުށަހެޅުއްވި މެންބަރު ޒިޔާދު ވެސް ވިދާޅުވިއެވެ.