މަޖިލިސް --

މީޑިއާތައް ރެގިއުލޭޓްކުރާ ބިލަށް ސަރުކާރު މެންބަރުން ތާއީދު

ނާއިފް ހަލީމް
 
3 ދުވަސް ކުރިން

ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުގެ ހަތަރު މެންބަރުން ތިއްބަވާ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަކަށް މީޑިއާތައް ރެގިއުލޭޓުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއްބާރުލުން ދެއްވައި، ގާތް ގުޅުމެއް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ މީޑިއާތައް ކޮންޓްރޯލްކުރެވޭ ބާރު ސަރުކާރަށް ލިބިދޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ނަމަވެސް، އެތައް ނޫސްވެރިންނަކާއި، ޖަމިއްޔާތަކަކުން އެ ބިލު އަނބުރާ ގެންދަން ގޮވާލާފައި ވަނިކޮށް ހަންނާން ވަނީ އަނބުރާ އެ ބިލު ގެންގޮސްފައެވެ.

މިއަދު މަޖިލީހުގައި ބަހުސްކުރެއްވި ގިނަ އަދަދެއްގެ މެންބަރުން ވަނީ މި ބިލަކީ ކޮންމެހެން މުހިންމު ބިލެއްކަން ފާހަގަކުރައްވައިފައެވެ. 

އެގޮތުން މީޑިއާތައް ހިންގަނީ މިހާރު ވެސް މިނިވަންކަމާ އެކުތޯ މެންބަރުން ސުވާލު އުފެއްދެވިއެވެ. 

އަދި ނޫސްވެރިކަން ކޮންޓްރޯލް ކުރަނީ ނޫންކަމާއި، މިއީ ރަނގަޅު ގޮތުގައި ރާއްޖޭގައި މީޑިއާ ހަރުދަނާ ކުރަން މަގުފަހިވާ ބިލެއް ކަމަށް ފާހަގަކުރައްވައިފައެވެ.