ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން. / ފޮޓޯ: މަޖިލިސް

ފޮލޯ-އަޕް އަށް އޮންނަ 5 ދުވަސްތެރޭ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ނުލިބޭ މައްސަލަ ހައްލުނުވޭ

މަރިޔަމް ސަމްހާ
 
5 ދުވަސް ކުރިން

ޑޮކްޓަރަށް ދެއްކުމަށް ފަހު ހަދަން ޖެހޭ ތަހުލީލުތައް ހެދުމަށްފަހު އޭގެ ރިޕޯޓު ޑޮކްޓަރަށް ދެއްކުމަށްޓަކައި، އާސަންދަ ސްކީމްގެ ތެރެއިން 5 ދުވަހުގެ މުއްދަތެއް ލިބުނަސް އެޕޮއިންޓްމަންޓް ލިބުން ލަސްވުން ހައްލުނުވާކަން ހާމަވެއްޖެއެވެ.

މި މުއްދަތުގައި ފޮލޯ-އަޕް އަށް ޑޮކްޓަރަށް ދައްކާއިރު، ބަލި މީހާގެ އަތުން އެއްވެސް ކޮންސަލްޓޭޝަން ފީއެއް ނުނަގައެވެ. އަމިއްލަ ހޮސްޕިޓަލްތަކުގައި މި 5 ދުވަސް ކަނޑައަޅާފައިވަނީ ބަންދު ދުވަސްތައް ފިޔަވައެވެ. ނަމަވެސް އެގޮތަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ނުލިބޭ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން އެންސްޕާއާއި އާސަންދައާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާފައިވާއިރު، ފޮލޯ-އަޕް އަށް އެޕޮއިންޓްމެންޓް ނުލިބޭކަމުގެ ޝަކުވާ ވަނީ ފެންމަތިކޮށްފައެވެ.

އެކަމާ ގުޅޭ ގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްއެސްޖީއެޗް) އަށް އެދެވޭ ޖަވާބެއް ދެވިފައެއް ނުވެއެވެ.

"5 ޑޭޒް ތެރޭގައި ބަލިމީހާ ޑޮކްޓަރަށް ދައްކާއިރުގައި ބަލި މީހާގެ އަތުން ކޮންސަލްޓޭޝަނަށް ފީއެއް ނުނަގާނެ، ހަމަ ޒީރޯ ކޮންސަލްޓޭޝަނެއްގައި ފަސް ދުވަހުގެ ތެރޭގައި ދެއްކޭގޮތަށް މި އިންނަނީ. ހޮސްޕިޓަލްސްތަކަށް މި ފަސް ދުވަސް ކަނޑައަޅާފައި މިއިންނަނީ ހަމަ ހޮސްޕިޓަލްސްގެ ބަންދު ދުވަސްތައް ފިޔަވާ ފަސް ދުވަސް ނަގާ ގޮތަށް. ދެން މި، އެޕޮއިންޓްމެންޓް ލިބުން ނުލިބުން އަޅުގަނޑުމެން ޖެހޭނީ ހަމަ ވަކިން އެ ޑިސްކަޝަނަށް ދާން.." އެމްއެސްޖީއެޗް އިން ބުންޏެވެ.

އެމްއެސްޖީއެޗް އިން ބުނީ ރިޕޯޓު ދައްކާއިރު ކަންބޮޑުވާކަމެއް ފާހަގަވާނަމަ އެފަދަ ފަރާތްތަކަށް ހޮސްޕިޓަލުތަކުން އަމިއްލައަށްވެސް އިސްކަންދޭނެ ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގެ ބައެއް ޑިޕާޓްމަންޓުތަކުގައި ގިނަ އަދަދެއްގެ ސްޕެޝަލިސްޓުން ނުތިބޭނަމަ، ފޮލޯ-އަޕް އަށް ދެއްކުމަށް ދަތިކަން ދިމާވާކަމަށް ބުންޏެވެ.

އެމްއެސްޖީއެޗް އިން ބުނީ ޑޮކްޓަރަށް ދައްކާ ކިޔު ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި އެޕޮއިންޓްމަންޓް ސިސްޓަމެއް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ވެއްޖެޔާ މި އިންނަނީ ކިޔު ނަންބަރެއް. އޭނައަށް ދެއްކޭނީ ކޮން ދުވަހަކުން ކަމެއް އަދި އެނގޭކަހަލަ ގޮތަކަށް ނޫން ގިނަ ޑިޕާޓްމަންޓްސް ތަކުގައި ހުންނާނީ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން ހަތަރު ޑިޕާޓްމަންޓެއް މި އެޕޮއިންޓްމަންޓް ސިސްޓަމަށް، އެއީ އެޕޮއިންޓްމަންޓް ލިބޭނެ ދުވަހާއި ގަޑިއާއި އެނގޭ ގޮތަށް ދުރާލާ ތަރުތީބުވެގެންދާ ގޮތަށް، ރަށްރަށުންވެސް ވަޑައިގަންނަވާ ބޭފުޅުންނަށް ވަޑައިގެންނެވޭނެ ގޮތަށް ތަރުތީބަކަށް އެބަ އަޅުވަން." އެމްއެސްޖީއެޗް އިން ބުންޏެވެ.

އެމްއެސްޖީއެޗް އިން ބުނީ މިއަހަރުގެ ނިޔަލަށް ހުރިހާ ޑިޕާޓްމަންޓުތަކެއް ވެސް އެފަދައިން އެޕޮއިންޓްމަންޓް ސިސްޓަމަކަށް ދެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.