ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު މިމަހު 17 އަށް ހަމަވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމަށާއި، ރީއެކްސްޕޯޓު ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ގާނޫނު ނަންބަރު 2010/15 "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު" އަދި އެ ގާނޫނުގެ ދަށުން އާއްމުކޮށްފައިވާ "ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާއްމު ގަވާއިދު" (ނަންބަރު: 2025/R-21) ބަޔާންކުރާ ގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސެންސެއް ނަގަން ޖެހެއެވެ.
އެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކުން ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު މިދިޔަ އެޕްރީލް 17 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތެއް އިއުލާނުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ އެ މުއްދަތު ހަމަވާ ތާރީހަކީ މި މަހުގެ 17 ކަމަށެވެ.
މި މަހުގެ 17 އަށްފަހު ލައިސެންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީގޮތުން މަނާ ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ލައިސެންސް ނެގުމަށް އިއުލާނުކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެކަން ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.