އައިޖީއެމްއެޗު. / ފޮޓޯ: ޕީއެސްއެމް

އަށް މަހުގެ ކުއްޖާ ނިޔާވި މައްސަލަ ބަލައި އައިޖީއެމްއެޗުގެ ހިދުމަތްތައް ހަރުދަނާ ކުރަނީ

މަރިޔަމް ސަމްހާ
 
8 ދުވަސް ކުރިން

އަށް މަހުގެ ތުއްތު ކުއްޖާ ނިޔާވި މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކުއްޖާއަށް ފަރުވާދެމުން އައި އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ކުއްޖާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައި އޮތް އިރުވެސް އެކަށީގެންވާ ފަރުވާ ނުލިބި ކަމަށް އާއިލާއިން ބުނެފައިވެއެވެ. އަދި އެކަމުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވާއިރު، ކުއްޖާ އިތުރު ފަރުވާއަށް ބޭރަށް ގެންދިއުމަށް އާސަންދަވެސް ހަމަޖެހިފައިވަނީ ކުއްޖާ ނިޔާވިފަހުންކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ފަރާތްތަކުން އަންނަނީ އައިޖީއެމްއެޗުގެ ހިދުމަތްތަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެނެވެ.

އައިޖީއެމްއެޗުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިއްހީ ފަރުދާ ދިނުމާ ބެހޭގޮތުން އެ ހޮސްޕިޓަލަށް ހުށަހެޅޭ ކޮންމެ ޝަކުވާއަކީ އަދި ބަލި މީހުންގެ ފަރާތުން ކޮންބޮޑުވުން އޮތްކަން އިނގޭ ކޮންމެ ޙާދިސާއަކީވެސް އެ ހޮސްޕިޓަލުން ސީރިއަށް ކަމެއްގެ ގޮތުގައި ބަލާ މައްސަލަތައް ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެނގޭ ގޮތުގައި ނިޔާވި ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން އައީ ގާތުން މޮނީޓަރކޮށް، އެވަގުތު ދެވޭނެ ފަރުވާ ދީ، ގުޅުން ހުރި ލޭގެއާއި އެހެނިހެން ތަހުލީލުތައް ކުރެވި އަދި ފަރުވާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ރެކޯޑުތައް ދައްކާގޮތުން، އެ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރުންގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކުވެސް ކުއްޖާ ބަލާފައިވާކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރާ ގޮތަށް ބަލާއިރު އައިސީޔޫގެ ފަރުވާ ދޭން ޖެހޭކަމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ އެކަން ހަމަޖެއްސެވުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ ޙާލަތުގައި މާލޭގެ އެހެން ހޮސްޕިޓަލެއްގެ އައިސީޔޫއަށް ޓްރާންސްފަރ ކުރުމުގެ އިންތިޒާމްވެސް ހޮސްޕިޓަލުން ހަމަޖައްސައިދޭ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ތުއްތު ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށްވެސް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ އިތުރު އެހެން ނުރައްކާތެރި ބައެއް ކަންކަމަކީ ފުރާނައަށްވެސް ގެއްލުން ވެދާނެ ފަދަ، އަދި ސިއްހީފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫކަންކަން ކަމަށެވެ. އަދި މިފަދަ ބައެއް ބަލިތަކުގައި ކުއްލި ހާލަތު ނުރައްކާވެދާނެ ފަހަރުވެސް ދިމާވެދާނެ ކަމަށް އައިޖީއެމްޗުން ފާހަގަކުރިއެވެ.

އައިޖީއެމްއެޗުން ބުނީ މިފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލުގެ އެތެރޭގެ ތަހުގީގެއް ކުރެވި ހިދުމަތާއި ފަރުވާ އިތުރަށް ރަނގަޅުކުރެވިދާނެ ގޮތްތައް ދެނެގަނެވޭ ކަމަށެވެ. އަދި މި މައްސަލައިގައިވެސް އެ ހޮސްޕިޓަލުން އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ މައްސަލައެއް ބަލާ ބެލުމުގައި ހޮސްޕިޓަލުގައި ބަލި މީހުންނާއި ޢާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވި އެކަންކަން އިސްލާހު ކުރާކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.